އަންނަ ޑިސެމްބަރު މަސް ނިމޭއިރު ޒަކާތު ފަންޑު 100 މިލިޔަން ރުފިޔާއަށް އިތުރުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ނުކުރާހާ ގިނަ މަަސައްކަތް ޒަކާތަށް ހޭލުންތެރި ކުރުވުމަށް މިއަހަރު ތެރޭގައި ކޮށްފައިވާ ކަމަށެވެ.

ޒަކާތު ފަންޑު އުފައްދައި މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ތާރީހުގައި ވެސް ފައިސާ ޖަމާނުވާހާ ގިނަ އަދަދަކަށް މިއަހަރު އެ ފަންޑަށް ފައިސާ ޖަމާވެފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް 90 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ގުރުއާން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އެގޮތުން މިހާތަނަށް 16 އަތޮޅެއްގައި ހިލޭ ގުރުއާން ކިޔަވައިދިނުމުގެ ހިދުމަތް ގާއިމް ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްނުގައި އިތުރު ތަންތަނުގައި އެ ހިދުމަތް ގާއިމް ކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.