އަންނަ ޖެނުއަރީ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް އިތުރު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ތެރެއިން އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، ހާފިޒުންގެ އެލަވަންސް އިތުރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ޖެނުއަރީ މަހު އެކަން ފުރިހަމަވެގެންދާނެ ކަމަށެވެ.
ހާފިޒުންމަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ އެލަވަންދެކެވެ. ނަމަވެސް އެ އަދަދު 4000 އަށް ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ.
މިނިސްޓަރު ޝަަހީމް ވިދާޅުވީ، މިސްކިތްތަކަށް ދެ އިމާމުން ލުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ތަންފީޒު ކުރަން ފެށިފައިވާ ކަމަށާއި ބައެއް މިސްތިތްތަކުގައި މިހާރު ދެ އިމާމުން ތިބޭނެ ކަމަށެވެ.
އަމާޒަކީ ރާއްޖޭގެ ބޮޑު ކޮންމެ މިސްކިތެއްގައި ދެ އެމާމުން ބެއިތިއްބުން ކަމަށާއި މިހާތަނަށް އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި މާލޭގެ ފުރުގާން މިސްކިތާއި ހުޅުމާލެ ބޮޑު މިސްކިތުގައި ދެ އިމާމުން ތިބޭނެ ކަމަށާއި ޖެނުއަރީ މަހުން ފެށިގެން އަތޮޅުތަކުގެ މިސްކިތްތަކަަށް ދެ އިމާމުން ލަމުން ގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު