އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް 1.1 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ސާފުކުރުމަށް، އެ ކުންފުނީގެ އިސް ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގެ ސަބް-ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކުންފުނިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން 1.1 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް އެމްއޭސީއެލްއަށް ދައްކަން ޖެހެނީ އެ ކުންފުނިން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ އަހަރަކު 78 މިލިއަން ރުފިޔާގެ ސަބްސިޑައިޒްކުރުން ނުވަތަ އަހަރަކު 78 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނުން ކަމަށެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން ވޯކިން ކެޕިޓަލަށް ފައިސާ ނަގަންޖެހެނީ ބޭންކުތަކަށް ގޮސްގެން ކަމަށާއި އެ ފައިސާ ލިބޭނަމަ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން މިދިޔަ 2023 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަށް ދީފައިވާ ޑިސްކައުންޓްތައް ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، ތެލުން 38.77 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އަދި ޑޮމެސްޓިކް ގްރައުންޑް ހޭންޑްލިން އިން 12.73 މިލިއަން ރުފިޔާގެ ޑިސްކައުންޓެއްގެ އިތުރުން ގްރައުންޑް ޕަވާ ޔުނިޓުން 11.39 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އަދި ޕާކިން އިން 9.7 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ.
އަދި މި އަހަރު އައިލެންޑް އޭވިއޭޝަނަށް ދޭ ޑިސްކައުންޓް 80 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު