މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭ ގޮތަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ފުރަތަމަ ކިޔުން އިއްވާފައިވާ އެ ބިލު މި މަހު 19 ގައި އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބަދުލް ހައްނާން އަބޫބަކުރެވެ. ބިލު އަނބުރާ ގެންދިޔަކަން އިއުލާން ކުރައްވާފައި މިވަނީ އެ ބިލު އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް އެ މެންބަރު ވިދާޅުވެފައި ވަނިކޮށެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑ. މުހައްމަދު މުއިއްޒު ބިލާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުން މަޖިލީހުގެ 75 މެންބަރުންގެ އަގުލަބިއްޔަތު ބިލު ބަލައި ގަތުމަށް ނުލިބޭނެތީ، މަޖިލީހުގެ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ބިލު އަނބުރާ ގެންދަވަން ނިންމެވީ ކަމަށެވެ.
މި ބިލުގގެ މަގުސަދުގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
ބިލުގައި ބުނެފައިވަނީ އަލަށް އުފައްދާ ކޮމިޝަންގައި ހިމެނޭނީ ހަތް މެންބަރުން ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނައި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ބިލުގައިވާ ގޮތުން މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.
މި އިންތިހާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރީންނަށެވެ.
މި ބިލްގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެ އެވެ.
ބިލްގައިވާ ގޮތުން، ކަނޑައަޅާފައިވާ ގޮތުގެމަތީން ނޫހުގައި ޝާއިއު ނުރާތާ 12 މަސްދުވަސްވެފައިވާ ނޫސްތަކާއި ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލައިފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެއެވެ. ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމިޝަނުން އަންގާ ގޮތަށް، ކުރި ކުށް ރަނގަޅު ނުކޮށްފިނަމަ އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމާއި އެ ތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާކަތާއި އާއްމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭނެ ކަަމަށްވެސް ބިލްގައިވެއެވެ.
މީގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލު ކުރުމާ ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވާނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް، 5000، ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް ބިލްގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު