ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަންކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ގ. ނޫރަންފިނި/ މަރިޔަމް އިންޝާ ފައިސަލްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވެވީ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއެވެ. އެއާއެކު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން މަޖިލިސް ރައީސް އިއުލާންކުރެއްވިއެވެ.

އެންއައިސީއަށް މެންބަރަކު އައްޔަންކުރަން ފޮނުއްވާފައި މިވަނީ، ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު އިއްޔެއަށް ހަމަވެފައިވާތީއެވެ. އެހެންކަމުން މިހާރު އެ ކޮމިޝަންގައި ތިއްބެވީ، ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް އާއި ނައިބް ރައީސް އާޝިޔަތު ޝިއުނާ އާއި އައިމިނަތު ޝާދިޔާގެ އިތުރުން ޝުއައިބު އަބްދުލްރަހްމާނެވެ.