ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑުން ހިންގި ކޮޕީ ޓްރޭޑިން ސްކީމަށް އިންވެސްޓް ކުރި މީހަކަށް 695،500 ރުފިޔާ ދައްކަން ކިންގްސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކިންގްސް ކުންފުންޏާ ދެކޮޅަށް އެ ފައިސާ ހޯދުމަށް މައްސަލަ ހުށަހެޅީ ލ. މާވަށް/ ވައިލެޓްވިލާ، މުސާ ރިޒާއެވެ. ސިވިލް ކޯޓަށް އޭނާ ހުށަހެޅި ދައުވާގައި ބުނެފައިވަނީ ކިންގްސް ކުންފުނީގެ ސްކީމަށް އޭނާ 130،000 ރުފިޔާ އިންވެސްޓް ކުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެއްވެސް ފައިސާއެއް، އެއްބަސްވެފައިވާ ގޮތަށް ދީފައިނުވާ ކަމަށެވެ. އެހެންވެ އެ ފައިސާ ކިންގްސް ކުންފުނިން ނަގައިދިނުމަށް އޭނާ އެދުނެވެ.
އެ މައްސަލައިގެ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުމުގައި ކިންގްސް ކުންފުނިން ވަނީ އެ މައްސަލަ ބެލުމުގައި އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް ދައުވާއަށް ރައްދުދީފައެއް ނުވެއެވެ. އެހެންވެ ސިވިލް ކޯޓުން މި މައްސަލަ ކުރިއަށް ގެންދިޔައީ ކިންގްސް ކުންފުނީގެ ގައިރު ހާޒިރުގައެވެ.
ސވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް، މި މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވީ ދައުވާ ލިބޭ ފަރާތުން ދައުވާ ފޯމާއި އެ ފޯމާގުޅޭ ލިޔުންތަކާ ހަވާލުވުމަށްފަހު ދައުވާއަށް ރައްދު ދީފައިނުވާނަމަ، ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ނިންމިދާނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރާ ފަރާތުން އެދިފައިވަނީ ޖުމުލަ 815،500 ރުފިޔާ އެކީ އެއްފަހަރާ ކިންގްސް ކުންފުނިން ނަގައިދިނުމަށް ކަމަށާއި އެ ފައިސާއަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ހޯދުމަށް އެދިފައިވާ ފައިސާއެއްތޯބަލާއިރު، އެ ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތުގެ ސައްހަކަމާމެެދު އެއްވެސް ފަރާތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހިނގި ކަމެއް ބުނެ 120،000 ރުފިޔާ ނަަގައިދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ގާނޫނީ ފިޔަވަޅުގެ ގޮތުގައި ފައިސާ ހަރަދުކުރިކަން އެނގޭނެ ހެއްކެއް ނެތި، އެފަދައިން ހަރަދު ނަގައިދިނުމަކީ އަދުލުވެރިގޮތެއް ނޫން ކަމަށްވާތީ ދައުވާކުރާ ފަރާތުން 120،000 ރުފިޔާ ނަގައިނުދެވޭނެ ކަމަށް ގާޒީ ނިންމެވިއެވެ.
އެކަންކަން ފާހަގަކުރުމަށްފަހު ގާޒީ ހުކުމް ކުރެއްވީ ދައުވާކުރާ ފަރާތުން ކިންގްސް ކުންފުންޏަށް ޖަމާކޮށްފައިވާ 95،000 ރުފިޔާއާއި އިންވެސްޓެމެންޓް ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 600،000 ރުފިޔާއަކީ ކިންގްސް ކުންފުނިން ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ. އަދި ދައުވާކުރާ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދި 120،000 ރުފިޔާ ނަގައިދެވެން ނެތް ކަމަށްވެސް ހުކުމްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު