ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓެެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަަވާފައިވާކަން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއުލާންކުރައްވައިފިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ފައްޔާޒް އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
"ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް. 2028 ގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ސަޕޯޓު ކޮށްދެއްވުން އެދެން،" ފައްޔާޒް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ފައްޔާޒް އެގޮތަށް ނިންމަވާފައި މިވަނީ، ދާދި ފަހުން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށްފަހުއެވެ. ނަމަވެސް މި ހަފުތާގައި ފައްޔާޒް ދެއްވި އެ އިންޓަވިއުގައި އޭނާ ވިދާޅުވެފައިވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށެވެ.
ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތްކުރައްވާ ކަމުގެ އަޑުތަކެއް އުޅެއެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް އެކަން އިއުލާންކުރެއްވި ހަމައެކަނި ބޭފުޅަކީ ފައްޔާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު