ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ)ގެ މިއަހަރުގެ 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024' ގެ މެއިން ޕާޓްނަރަކަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ހަމަޖައްސައިފިއެވެ.
ވިމްއެމްވީ އާއި އައިއެފްސީ ގުޅިގެން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި އެވޯޑަކީ ވަޒީފާ، ވިޔަފާރި އަދި އިޖުތިމާއީ ދާއިރާތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދިވެހި އަންހެނުންގެ އަގުވަޒަންކުރުމަށް ދެވޭ ހާއްސަ އެވޯޑެކެވެ.
މި އަހަރުގެ 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް' ގައި ހާއްސަކޮށް ވިޔަފާރި އަދި ފަންނީ ދާއިރާތަކުގައި ތަފާތު ކާމިޔާބީތައް ހޯދާފައިވާ ދިވެހި އަންހެނުން ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި އެވޯޑު ދިނުމުގައި އައިއެފްސީގެ ބައިވެރިވުމަކީ ގާބިލުކަމާއި ހުނަރު ލިބިފައިވާ ދިވެހި އަންހެނުންނަށް އާ ފުރުސަތުތަކެއް ހުޅުވި، އިގުތިސާދީ ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ވިމް އިން ފާހަގަކޮށްފައިވެއެވެ.
މިހާތަނަށް ދިވެހިރާއްޖެއިން 170 އަށްވުރެ ގިނަ އަންހެނުންނަށް މި އެވޯޑު ލިބިފައިވެއެވެ. އޭގެ ތެރޭގައި ބޭންކިން އަދި ފައިނޭންސް، ހޮސްޕިޓަލިޓީ، މީޑިއާ، ގާނޫނީ، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިން ފަދަ ތަފާތު ގިނަ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ހިމެނެއެވެ. 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް' އިން ދައްކުވައިދެނީ މުވައްޒަފުންގެ ގޮތުގައްޔާއި، ވިޔަފާރިވެރިންގެ ގޮތުގައްޔާއި، އަދި ވިޔަފާރީގެ ލީޑަރުންގެ ގޮތުގައި އަންހެނުން އަދާކުރާ މުހިންމު ދައުރާއި، އެމީހުން ގެންނަ ބޮޑެތި ބަދަލުތަކެވެ.
މިއީ މި އިނާމު ބޭއްވޭތާ ހަވަނަ އަހަރު ވާނެއެވެ. މި އަހަރުގެ އެވޯޑުގައިވެސް ހަތަރު ކެޓަގަރީއެއް ހިމެނޭނެއެވެ. އެއީ ކެރިއާ އިނާމު ކެޓަގަރީ، ވިޔަފާރި އިނާމު ކެޓަގަރީ، ޕްރޮފެޝަނަލް ކެޓަގަރީ، އަދި ހާއްސަ އިނާމު ކެޓަގަރީއެވެ.
ވިމްގެ ބާނީ އަދި ޗެއަރޕާސަން ޑރ. ސުލޯޗަނާ ސެގޭރާ ވިދާޅުވެފައިވަނީ، 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް' ގެ މަގުސަދަކީ ހަމައެކަނި އިންސްޕަޔާވާ އަންހެން ލީޑަރުން ފާހަގަކުރުމަށްވުރެ މާ ފުޅާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށްވާނެ ބަޔަކު ދެއްކުމެވެ. އެއީ މަގާމާއި، ކާމިޔާބީއާއި، ކުރިއެރުމުގެ އިހުސާސް އެމީހުންގެ ކިބައިގައި ވާ އަންހެނުންނެވެ.
"މިއަހަރު، އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަނީ، ވިމެން އިން މެނޭޖްމަންޓްގެ ދިގު މުއްދަތުގެ ބައިވެރިއެއް ކަމުގައިވާ އައި.އެފް.ސީ އަކީ ދިވެހިރާއްޖޭގައި ބޭއްވޭ މި އެވޯޑްސްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުން. މިކަމުގެ ސަބަބުން، އިގުތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދުމަށް ގާބިލުކަމާއި ހުނަރު ލިބިފައިވާ ދިވެހި އަންހެނުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ،" ޑރ. ސުލޯޗަނާ ވިދާޅުވިއެވެ.
އައި.އެފް.ސީގެ އިންޑިއާ އަދި މޯލްޑިވްސްގެ ކަންޓްރީ ހެޑް ވެންޑީ ވަރނަރ ވިދާޅުވިގޮތުގައި، ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަކާއި އިތުރަށް އެކުލެވޭ މުޖުތަމައުއެއް ހޯދުމަށްޓަކައި، ރާއްޖެއަށް މުޅި ގައުމުގެ އަންހެނުންގެ ގާބިލުކަން ބޭނުންކުރެވިދާނެއެވެ. ވިމެން އިން މެނޭޖްމަންޓާއެކު މި ޕާޓްނާޝިޕަކީ ދިވެހި އަންހެނުންގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ދައްކުވައިދޭނެ ޕްލެޓްފޯމެއް ކަމަށާއި މީގެ ސަބަބުން ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބޭނެކަމަށް ވެންޑީ ވިދާޅުވިއެވެ.
ސްރީލަންކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި އެމިރޭޓްސްގައި ހިންގާ 'ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް' އިން އެވޯޑް ލިބޭ ފަރާތްތަކުގެ އަމިއްލަ ވަޒީފާ ނުވަތަ ވިޔަފާރީގެ މަގު ތަނަވަސްކޮށްދެއެވެ. އަދި މުހިންމު ގޮތެއްގައި، އެކި ފަންތީގެ އެތައް އަންހެނުންނަކަށް އާ ފުރުސަތުތައް ހޯދުމަށް ހިތްވަރުދީ، އެމީހުން ހިޔާރުކުރާ ދާއިރާއެއްގައި އިތުރަށް ކުރިއެރުމަށް ބާރުއަޅައެވެ.
މިއަހަރުގެ އެވޯޑްތަކުގެ ފަނޑިޔާރުންގެ ޕެނަލްގެ ރިޔާސަތު ބަލަހައްޓަވާނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކިން ޑިރެކްޓަރު ފާތިމަތު މަނިކެވެ. އޭނާއާއެކު ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ އެސް.އެމް.އީ ފެޑެރޭޝަން މޯލްޑިވްސްގެ ރައީސް އަބްދުއްލަތީފް، ސްރީލަންކާގެ ޕީ.އޭ.އެމް.އެސް ހައިޑްރޯ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މަނޯޖި ވަޑުގޮޑަޕިޓިޔާ؛ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ދާއިމީ މެންބަރު މަރިޔަމް ވަހީދާ؛ އައި.އެފް.ސީގެ ދެކުނު އޭޝިއާގެ ޖެންޑާ ސްޕެޝަލިސްޓް ޕްރަމިތާ ރޭ؛ އަދި ސްރީލަންކާގެ ކެލަނިޔާ ޔުނިވާސިޓީގެ މާކެޓިން މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޕްރޮފެސަރު ޑރ. ރަވި ދިސާނާޔަކެވެ.
ވިމްއެމްވީ އަކީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ރާއްޖޭގެ ގޮފި ހުޅުވުނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ވިމްއެމްވީ އިން ގެންދަނީ ރާއްޖޭގެ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށާއި އެކި މައްސަލަތަކާ ބެހޭގޮތުން އަންހެނުން ހޭލުންތެރިކުރުވުމަށް އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު