މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "އެޑިޔުކޭޝަން ސެންޓާ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކަމަށެވެ.

އެކަމަށް ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޑިއުކޭޝަން ސެންޓާ ފޯ އެކްސެލެންސްގެ ނަމުގައި ސެންޓަރުތަކެއް ހެދުން ހިމެނޭ ކަމަށެވެ.

"މިތަނުން މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފޯރުކޮށްދޭނެ. އަދި ސްކޫލް އިވެލުއޭޝަންގެ މަސައްކަތްތައް މިއަށްވުރެ ހަރުދަނާ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ރެކޯޑު ބަލަހައްޓާ ސިސްޓަމް، މީމިސްގެ ބަދަލުގައި އާ ސިސްޓަމެއް ތައާރަފު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތާއި ދަރިވަރުންގެ ރެކޯޑުތައް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށާއި އަދި ޓީޗަރުންގެ މައުލޫމާތު ވެސް އޭގައި ހިމަނާނެ ކަމަށް ވިދާޅުވިއެވެ.

އާ ސިސްޓަމް ފަރުމާ ކުރަނީ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ނުވަތަ އެހެން ބޭނުންތަކަށް އިދާރާއަކަށް މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ދިވެހި ޓީޗަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށައިފައެވެ. މި ޕްރޮގްރާމްގެ ދަށުން އަހަރަކު 150 މުދައްރިސުން ތަމްރީންކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 6.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހާއްސަކޮށްފައެވެ.