އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު، ރެކޮމެންޑޭޝަންތަކަކާއެކު ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގިނަ ރެކޮމެންޑޭޝަންތަކެއް ބަޖެޓަށް ހުށަހަޅުއްވައިފައެވެ.

އޭގެ ތެރޭގައި ޕީއެސްއައިޕީއަށް ބަޖެޓުގައި ހިމަނާފައިވާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ތަރުތީބުކުރުމާއި، ބަޖެޓުން ހިންގާ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.

ސަރުކާރުން ހިންގަން މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭ މަޝްރޫއުތައް އެނގޭނެ ލިސްޓެއް މާޗް މަހުގެ ކުރިން ހުށަހެޅުމަށްވެސް ހިމަނާފައިވެއެވެ.

ފައިދާ ނުވާ ކުންފުނިތައް އުވާލުމަށްފަހު އެފިޝަންސީ އިތުރުކުރުމަށްޓަކައި، ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލަކާއި އެކަމަށް އަޅާނެ ފިޔަވަޅުތައް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމާއި، ޓާގެޓް ސްބްސިޑީއަކަށް ދިއުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރާނެ ގޮތްތަކުގެ ތާވަލެއް މަޖިލީހަށް ހުށަހެޅުމަށްވެސް ހިމަނާފައިވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ރެކޮމަންޑޭޝަންތަކާއެކު ބަޖެޓު ފާސްކުރީ، ބައްދަލުވުމުގައި ތިއްބެވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.