އިންޑިއާއިން، ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އިންޑިއާގެ މަދަނީ މީހުންގެ ހުރިހާ ތަފުސީލެއް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ވަނީ އެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ދޭން އިންކާރުކުރުމުން، "އަދަދު" ނޫހުން ވަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފައެވެ.

އައިކޮމްއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވަނީ ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރުމަށް އަންގައި ޑިފެންސަށް ސިޓީއެއް ފޮނުއްވައިފައެވެ.

ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެވެ. ވެރިކަމަށް ވަޑައިގެން އިންޑިއާ އެކު މަޝްވަރާކުރައްވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މިހާރު އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ތިބީ އިންޑިއާގެ މަދަނީ މީހުން ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މީގެކުރިން ވިދާޅުވެފައިވަނީ ހެލިކޮޕްޓަރުތަކާއި ޑޯނިއާތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ރާއްޖެއަށް އައިސްފައި ވަނީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށެވެ.

އަދި އެމީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވެފައިވެއެވެ.