އެސްޓީއޯއާއެކު މަަސައްކަތްކޮށްގެން 250 ބޭހެއްގެ އަގު ކުޑަކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން އެންސްޕާގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، އާސަންދައިން ބޭސްކުރާ އިރު، ފާމަސީތަކުން އިންތިހާއަށް ބޮޑު އަގު ޖަހާ މައްސަލައިގައި އެސްޓީއޯއިން ބޭހުގެ އަގު ކޮންޓްރޯލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ބަލްކު ޕްރޮކިއުމެންޓްގެ ދަށުން ބޭހުގެ އަގުހެޔޮ ކުރަމުންދާ ކަމަށެވެ.

ނަމަވެސް ހީނާ ވިދާޅުވީ، ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެފައިނުވާ ކަމަށާއި އެއަށް އަމަލުކުރަމުން ވެސް ނުދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ފާހަގަވަމުންދޭ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން އިއުތިރާޒު ކުރަމުންދާތަން. އެހެންނަމަވެސް އާސަންދަ މެދުވެރިކޮށް މި ބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީއަކުންވެސް ލިބެން ހުންނާނެކަން،" އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ރައްޔިތުންގެ އަތް ނުފޯރާ ފަށުގައި ކަމަށެވެ. މިގޮތުން ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު 15 ގުނަ ރާއްޖޭގައި ބޭހުގެ އަގު ބޮޑުކޮށް ވިއްކަމުންދާ ކަމަށެވެ. އެއީ 300 އިންސައްތައާއި 4000 އިންސައްތައިގެ ފައިދާ ލާފައި ބޭސް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.