ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ތައިލެންޑާއި ދުބާއީއިން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުބާއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ދުވަހަކާ ބެހޭގޮތުން މުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ދުބާއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެކަން ކުރެވޭނެ ކަމަށެވެ.

އެކަމަށްޓަކައި އޫއޭއީ އާއި ތައިލެންޑްގެ ބައެއް ހޮސްޕިޓަލްތަކާ އެކު މަސައްކަތް ކުރެވި އެކަން ކުރިއަށް ގެންދެވޭ ހިސާބަށް ވާސިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ހިދުމަތް ލިބޭނެ ދުވަހަކާ އެކަމާބެހޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ސިއްހީ ހިދުމަތުގެ ދާއިރާއިން އެކި ފަރާތްތަަކަށް ދޭންޖެހިފައި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން އާސަންދައިގެ ބިލްތަކަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ސިސްޓަމްގެ ތެރެއިން ދައްކަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މި އަހަރުގެ ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތެއްގެ ގޮތުގައި އާސަންދައިގެ ހިދުމަތް އޮތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި އޭރު ވިދާޅުވީ ތައިލެންޑާއި ޔޫއޭއީއިން އެ ހުދުމަތް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.