އަޒަރްބައިޖާނަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި އެގައުމަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރާއް ޖެއާއި އަޒަރްބައިޖާންއާ ދެމެދު މިއަދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަޒަރުބައިޖާންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއާއެކުއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ކޮންފެރެންސް އޮފް ދަ ޕާރޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ދެގައުމުގެ މެދުގައި ސޮއިކުރި އެ އެއްބަސްވުމަކީ "އެގްރީމެންޓް އޮން މިއުޗުއަލް އެގްޒެމްޕްޝަން އޮފް ވިސާ ރިކުއާމަންޓް ފޯ ހޯލްޑާސް އޮފް ޑިޕްލޮމެޓިކް، ސާވިސް އެންޑް އޮފިޝަލް ޕާސްޕޯޓްސް ބިޓްވީން ދަ ގަވަންމެންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމެންޓް އޮފް އަޒެރްބައިޖާން" ކަމަށެވެ. އެއީ ދެގައުމުގެ މެދުގައި ދަތުރުފަތުރުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މިއެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާން އެތެރެވުމާއި ޓްރާންސިޓް ވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންދިއުމަށްވެސް އެއްބަސްވެވުނެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ދެގައުމުގެ މެދުގައި ދެން ސޮއިކޮށްފައިވަނީ "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން (އެމްއޯޔޫ) އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޓުއަރިޒަމް ބިޓްވީން ދަ ގަވަންމެންޓް އޮފް ދަ މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒަރްބައިޖާން" ކަމަަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ އިގުތިސޯދީ، ސަގާފީ އަދި އިޖުތިމާއީ ގޮތުން ދެ ގައުމަށް ވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި ސޮއިކުރި އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް އާއި އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވައިފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދެގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި ސަގާފީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް ވެސް ދެބޭފުޅުން ފާހަގަ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުއުމަށް ފައިދާ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު