އިންޑިއާގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ބެންގަލޫރުގެ އާރްޓީ ނަގަރްގައި ހުންނަ ހޮޓަލެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ހަސަން ސުހައިލް، 43 އަހަރެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ސުހައިލް ބެންގަލޫރަށް ގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ސުހައިލް، ބުދަ ދުވަހު ކޮޓަރިން ނުނިކުތުމުން، އެ ހޮޓަލުގެ މުވައްޒަފުން ވަނީ އާރްޓީ ނަގަރުގެ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ފުލުހުން އެ ކޮޓަރީ ދޮރު ހަލާކުކޮށްލައިގެން ވަތްއިރު ސުހައިލް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ސުހެއިލް މަރުވެފައި އޮތީ އެ ކޮޓަރީގެ ތަޅުންމަތީގައި ކަމަށާއި އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު ގިނަ އަދަދަކަށް ހޮޑުލެވިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ސުހައިލް ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު ބެންގަލޫރުން ބޯޕާލް އަށް ދިއުމަށް ފްލައިޓެއް ބުކްކޮށްފައި ކަމަށާއި ނަމަވެސް އޭނާ ދަތުރު ނުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބޯޕާލް އިން މުންބާއި އަށް 14 ވަނަ ދުވަހު ގޮސް، 15 ވަނަ ދުވަހު މުންބާއީ މަގުން ރާއްޖެ ދިއުމަށް ވެސް އޭނާ ފްލައިޓް ބުކްކޮށްފައިވާ ކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
ގޮތް ނޭނގޭ މަރެއްގެ ގޮތުގައި އިންޑިއާގެ ފުލުހުން އެ މަރު ތަހުގީގު ކުރަމުން އަންނަ އިރު، ސުހެއިލްގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމުގެ ކަންކަން ކުރިއަށްގެންދަން މަޑުކުރަނީ އާއިލާއިން އެކަމުގައި ވަކި ގޮތެއް ނިންމަންދެން ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ސުހައިލްގެ މަރުގެ މައްސަލަ ރާއްޖޭގެ އެމްބަސީއަށާއި އިމިގްރޭޝަނަށް އަންގާފައިވާ ކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ސުހައިލްއަކީ ގިނައިން ބެންގަލޫރަށް ދަތުރުކުރާ މީހެއް ކަމަށާއި މިދިޔަ އޮގަސްޓް މަހު ވެސް އޭނާ ބެންގަލޫރަށް ގޮސްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު