ކުރީ ސަރުކާރުން 2023 ވަނަ އަހަރު އެކަނިވެސް 434 ކުށްވެރިން ދޫކޮށްލި ކަމަށާއި އޭގެ ތެރޭގައި ޑްރަގު މައްސަލަތަކުގައި ބަންދުގައި ތިބި އެތައް ބަޔަކާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ވެސް ހިމެނޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ހަފުތާ 52" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން ހަވާލުވި އިރު، ބައެއް ދާއިރާތަކުން މިދިޔަ ސަރުކާރުން ވަރަށް ގިނަ އިހުމާލުތައް ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"މިސާލަކަށް ދަންނަވަނީ ނަމަ، 2023 ވަނަ އަހަރު އެކަނި 434 ކުށްވެރިން އެކި ގޮތްގޮތުން އެކި ނަންނަމުގައި މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި އެބަހުރި. މީގެ ތެރެއިން 330 މީހުންނަކީ ޑްރަގު މައްސަލައިގައި ޖަލުތަކުގައި ތިބި މީހުން. 26 މީހުންނަކީ ވަޔަލަންޓް ކްރައިމްސްގައި ތިބި މީހުން، މުޖުމަތައަށް ދޫކޮށްލާފަ މިއޮތީ. 19 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލު ހައްޔަރުގަ ތިބި މީހުން." މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދޫކޮށްލެވިފައިވާ އެއިން ކޮންމެ ކުށްވެރިޔަކީ ފުލުހުން އެތައް މަސައްކަތެއް ކޮށްގެން، ދައުވާކޮށް، ހުކުމަކާ ހަމައަށް ގެނެސް، ޖަލު ހުކުމުގައި ތިބި މީހުން ކަމަށާއި ނަމަވެސް ދޫކޮށްލުމަށް ނަގާފައިވަނީ އެންމެ ފަޅި ސިކުންތެއް ކަމަށެވެ.
"އަނެއްކާ މި ފަރާތްތަކާ ހެދި މުޅި މުޖުތަމައު މިއޮތީ އަޅުގަނޑުމެންނާ ހަވާލުވިއިރު ދާއިރާތަކުން އެތައް ގުނައަކުން ބޮއްސުންލާފައި. އެހެންވީމާ މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި މި ދެ ފްރަންޓުގައި، ޑްރަގު މައްސަލައާއި ގޭންގުތަކުގެ މައްސަލައިގައި އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފަ މިއޮތީ ކުރިން ހައްޔަރުގައި ތިބި މީހުން ދޫކޮށްލުމުގެ ސަބަބުން ވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މާލޭ ޖަލު ތަޅާލުމުން ޖަލުތަކުގެ ޖާގަ ވަރަށް ކުޑަވެފައިވާ ކަމަށާއި ޖަލު ގޮޅިތައް ހަދަން 36 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، އެތަންތަން އަދި ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މީހުން ޖަލުގައި ގެންގުޅެގެން، މީހުން މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ބަދަލުކުރެވި، ރިހެބިލިޓޭޓް ކުރެވި، މުޖުތަމައަށް އަނބުރާ ގެނައުމަށް ހުރި ކެޕޭސިޓީ ކުޑަވި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު