މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއެކު އިގުތިސާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ދިވެހި ސަރުކާރާއި ދަ ނޭޗާ ކޮންސާވަންސީ (ޓީއެންސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ. އަދި ޓީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ގްލޯބަލް ޑިރެކްޓަރު މިސް މެލިސާއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ޓީއެންސީއާއެކު ގާއިމުކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށާއި ގުދުރަތީގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިން ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކާބަން ފައިނޭންސިން އާއި ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއެކު އިގުތިސާދު ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު ޒަމީރު އަލިއަޅުއްވައިލެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ޕާޓްނާޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިން ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، ރަށްރަށުގެ އިގުތިސާދު ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކަމަށެވެ. އަދި އެ ޕާޓްނާޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ރާއްޖޭގެ މެދުރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީ އާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ 73 އަހަރު ކުރިން އުފެދުނު ޓީއެންސީ އަކީ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން 70 އަށްވުރެ ގިނަ ގައުމުތަކުގައި މަސައްކަތްކުރަމުންދަނީ ވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ކުރިއެރުވުމަށެވެ.

ޓީއެންސީން ވަނީ ތިމާވެއްޓާ ރައްޓެހި ގްރީން ފައިނޭންސިންގެ އެހީގައި ބައެއް ގައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މުއާމަލާތްތަކުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ގެބޮން، ބެލީޒް، ބާބަޑޮސް އަދި ޝީޝެލްސް ހިމެނެއެވެ.