ދުނިޔެއަށް މިހާރު ދިމާވެފައިވާ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކާބަން މަދުކުރުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެހެން ވެސް ކުރަން މަޖުބޫރު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ، ޔޫއެންއެފްސީސީން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި، ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާހީ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް ޗައިނާއިން އަބަދުވެސް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ އިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ކަށަވަރުކަން ހޯދުމަށް ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ހާލަތުގައިވާ ގައުމުތަކުން ވެސް ހަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައެޅުން މުހިންމު ކަމަށެވެ.

ބައިނަލްއަގުވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވުމަކީ، ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް އިސްނެގުމުގައި، ރާއްޖެއިން ލީޑާޝިޕް ދައްކާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދުރުވިސްނުމުގެ ތަސައްވުރެއްގައި އަމަލުކުރަމުންދާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތްކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކްލައިމެޓް އެކްޝަނަކީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށާއި ކްލައިމެޓް ފައިނޭންސްގެ އަމާޒަކަށް އެއްބަސްވުމަށް ކޮޕް29 ގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވައިލާ ކަމަށް ރައީސް ވިދާޅުވިއެވެ.