ހުޅުމާލޭގައި ކާރެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް، ފައިސާއަށް ޑިމާންޑް ކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތަލާލް މޫސާ، ދަފްތަރު ނަންބަރު ރސ. 9022 (37އ) އެވެ. އޭނާގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައި އަނިޔާކުރި އިރު، ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް އޭނާގެ ބޯ ބާލައި، އިނގިލިތައް ބުރިކޮށްލަން އުޅުނު މައްސަލައެއްގައި ގޭންގަކަށް ނިސްބަތްވާ 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.