އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުން ބިނާކުރި އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1983 މާޗުގަ އެވެ. މަސައްކަތް ނިމި އިސްލާމީ މަރުކަޒު ހުޅުވީ 1984 ނޮވެމްބަރު 11 ގަ އެވެ.
މިނިސްޓަރު ޝަހީމް މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ކަންކަން ބެލެހެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
"އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިރުޝާދު ދެއްވާފަ. މަރުކަޒުގެ ކަންކަމަށް ރައީސް ހާއްސަ ސަމާލު ކަމެއް ދެއްވާ. މަރުކަޒުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރާނެ. ރައްކާތެރިކަމާއެކު މަރުކަޒު ބަލަހައްޓާނެކަމުގެ ޔަގީންކަން އަރުވަން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުން ލޯބިވާ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މައުމޫނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިސްލާމީ މަރުކަޒަކީ ޖީލެއްގެ ތަރުބިއްޔަތުގެ ރަމްޒު ކަމަށާއި އެ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތުގެ ނިޝާން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިސްލާމީ ތަރުބިއްޔަތާއި ތައުލީމާއި ތަމްރީނުގެ ކިއްލާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ރޯދަ މަސް އިހުޔާކުރުމުގެ ޖަލްސާތަކާއި ގައުމީ ގުރުއާން މުބާރާތްތަކާއި އިމާމުން ތަމްރީނު ކުރުމުގެ ކަންކަން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒަކީ، އިސްލާމީ ކޮންފަރެންސްތަކާއި ޖަލްސާތައް ހުއްޓުމެއްނެތި 40 އަހަރުގެ މުއްދަތަށް ބާއްވަމުންއައި ބިނާއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު