ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޒާހިރަށް އެ ޝަރަފު އެރުވުމަށް ނިންމީ، ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީ އާއި ރާއްޖޭގައި ތައުލީމު ފުޅާކުރުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރުމަށް އިހްލާސްތެރި ކަމާއެކު ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ބޭޭފުޅުންނަށް ދައުލަތުން ދެއްވާ އެންމެ މަތީ ޝަރަފެވެ.
ޒާހިރު ވަނީ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވައިފައެވެ.
ޒާހިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެއްޓެވި އަސާސީ ތައުލީމްގެ ޕްރޮގްރާމް ހިންގެވުމުގައި އެންމެ އިސްދައުރު އަދާކުރައްވައިފައެވެ.
ޒާހިރަށް ޝަރަފު އަރުވަން ހަމަޖެހިފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް އޮންނާނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި އަހަރު 40 ބޭފުޅަކަށް އިނާމު ދޭނެއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 53 ބޭފުޅަކަށް ދޭން ވެސް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު