ވަން މީޑިއާ ގްރޫޕުގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ވިމް ގްލޯބަލް ޓޮޕް 50 އެވޯޑު ލިބިވަޑައިގެންފިއެވެ.
މެލޭޝިއާގެ ޝެރަޓަން ހޮޓެލްގައި އިއްޔެރޭ ބޭއްވި ހަފުލާގައި މިންނު އަށް އެވޯޑު ލިބިވަޑައިގެންނެވީ "ކެރިއާ ލީޑާޝިޕް - މީޑިއާ، ބްރޭންޑް މެނޭޖްމަންޓް އަދި ޑިޖިޓަލް"ގެ ދާއިރާއިންނެވެ. ރެހެންދި އެވޯޑު 2020 ވެސް ލިބިވަޑއިގެންފައިވާ، މިންނު މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާތާ 14 އަހަރުވެެއްޖެއެވެ. އެގޮތުން މިންނު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް މީޑިއާ ކަމަށްވާ ސަން މީޑިއާ ގުރޫޕުގައި ނުވަ އަހަރު ހޭދަ ކުރައްވައި، ސަން މީޑިއާ ގުރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.
އެއް ފައުންޑަރުގެ ގޮތުގައި، މިންނު "ވަން އޮންލައިން" ފެއްޓެވީ 2018 ވަނަ އަހަރު އެވެ. މިހާރު "ވަން އޮންލައިން" ދިވެހި އަދި އިނގެރޭސި ބަހުންވެސް ނެރެމުން އަންނަ އިރު، 25 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. މި ނޫހަކީ މިހާރު ރާއްޖޭގައި ގައުމީ ފެންވަރުގައި ނެރޭ ނޫސްތަކުގެ ތެރެއިން އެންމެ ތާޒާކަމާ އެކު ހަބަރާއި މައުލޫމާތު ގެނެސްދޭ އެއް ނޫހެވެ.
މިންނު އަކީ މީޑިއާގައި މިންތީގެ ހަމަހަމަ ކަމަށް "ބިލްޑިން އަ ޖެންޑާޑް މީޑިއާ އިން ސައުތު އޭޝިއާ"ގެ ނަމުގައި ސާކުގެ ގައުމުތަކަށް ހިންގާ މެގަ ޕްރޮޖެކްޓް، ޔުނެސްކޯ ސްވޯން ޕްރޮޖެކްޓްގެ ވެސް ބޯޑު މެންބަރެކެވެ. އޭގެ އިތުރުން ކޮވިޑަށް ހޭލުންތެރިކުރުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ހިންގި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް މިންނު މަސައްކަތް ކުރެއްވިއެވެ. މިންނު އަކީ ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާވެސްމެއެވެ. ވިމް މޯލްޑިވްސް ރާއްޖޭގައި އުފައްދާފައިވަނީ 2017 ވަނަ އަހަރުގައެވެ.
ކުރީގެ މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސެކިއުރިޓީ ޝިދާތާ އަށް އެވޯޑު ލިބިވަޑައިގެންފައި ވަނީ "ވުމެން ވިތް އަ ކޯސް"ގެ ދާއިރާއިންނެވެ. އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ޕިޒިއޯތެރަޕީ (އައިސީޕީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރައްވަމުން ގެންދަވާ ޝިދާތާ އޭނާގެ ޕަބްލިކް ސާވިސްގެ މަސައްކަތް ފެއްޓެވީ ޑިސްއެބިލިޓީ ރައިޓް އެޑްވަކޭޓެއްގެ ގޮތުގައެވެ. ކެއާ ސޮސައިޓީގައިވެސް މުހިންމު ރޯލެއް އަދާކުރެއްވި ޝިދާތާ ވަނީ ޑިސްއެބިލިޓީ އެކްޓު ފަރުމާކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ސިޔާސީ ދާއިރާގައިވެސް މުހިންމު ދައުރުތަކެއް އަދާކުރައްވަމުން ގެންދަވާ ޝިދާތާ ވަނީ މީގެ ކުރިން އަދާލަތު ޕާޓީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާފައެވެ. އޭނާއަކީ މިހާރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ސްޕޯކްސްޕާސަންވެސްމެއެވެ.
ޝިދާތާއަށް ވަނީ ހިއުމަން ރައިޓްސް އަދި އަންހެނުން ބާރުވެރި ކުރުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއްވެސް ލިބިވަޑައިގެންފައެވެ. އަދި އޭނާ ވަނީ ގައުމީ ފެންވަރުގެ ގިނަ ބޯޑުތައްވެސް ތަމްސީލު ކުރައްވާފައެވެ.
މިއީ ވިމް ގްލޯބަލް ޓޮޕް 50 ބާއްވާތާ 14 ވަނަ އަހަރެވެ. މިއަހަރުގެ އެވޯޑަށް 296 ފަރާތަކުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން އެވޯޑު ލިބިވަޑައިގެންފައިވަނީ 26 ގައުމަކުން 50 ބޭފުޅަކަށެވެ. މި ފަހަރުގެ އެވޯޑަށް 11 ގައުމެއްގެ ޖަޖުން އިންސާފުކޮށްދައިފައިވެއެވެ. އޭގެ ތެރޭގައި އެފްރިކާ، ސްރީލަންކާ، ދިވެހި ރާއްޖެ، އެމެރިކާ، މެލޭޝިއާ އަދި ޔޫކޭ ހިމެނެއެވެ. މި ހަފުލާގައި މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު މަރިޔަމް ޝަބީނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު