އދ. ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވީ އުމުރުން 15 އަހަރުގެ ސިންގަޕޫރު ކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާއަކީ ދިގުރަށަށް ވޭލް ޝާކް ރިސާޗެއް ހަދަން ސްޓަޑީ ޓުއާއެއްގައި ގޮސް އުޅުނު ޓީމެއްގައި ހިމެނޭ ކުއްޖެއް ކަމަށާއި އެއީ ސިންގަފޫރުގެ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

ސްނޯކަލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމުވެގެން، އެކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 9:55 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތުދީފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.