ހައުސިން ލޯނު ސްކީމަށް ގެންނަ ބަދަލާއެކު ކުރިން ބޮޑު އިންޓަރެސްޓުގައި ލޯނު ދިން ފަރާތްތަކަށްވެސް ފައިސާ ދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން އެހެން ވިދާޅުވެފައި މިވަނީ، ފަސް ޕަސެންޓް އިންޓްރެސްޓުގައި ހައުސިން ލޯނު ލިބޭ ހިޔާވެހި ސްކީމް، މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވާފައިވަނިކޮށެވެ.
ފަސް ޕަސަންޓުގައި ހައުސިން ލޯނުތައް ދޫކުރަން ފެށުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް އިފްތިތާހުކޮށްދެއްވި "ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ބައިވެރީންނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ފަސް ޕަސަންޓުގައި ދެވޭ ލޯނެއް މީގެ ކުރިން 12 ޕަސަންޓުގައި ބޭންކުތަކުން ދޫކުރުމުން ސުވާލުުތަކެއް އުފެދޭ ކަމަށާއި މިއޮތް ހުރިހާ ދުވަހު އެ ހިންގުނީ ޖަރީމާއެއް ކަމަށް ބެލެވޭ ކަމަށެވެ.
"އެހެންވީމާ ސަރުކާރުން މިހާރު ފަސް ޕަސަންޓުގައި ދޭން ނިންމާފައި އޮތިއްޔާ މީގެ ކުރިން ލެންޑުކޮށްފައި ހުރި ހުރިހާ ލޯނުތަކުން ބޮޑުވާ ހަތް ޕަސަންޓް ނޫނީ އަށް ޕަސަންޓު ބޭންކުތަކުން އަތުލާފައި ރައްޔިތުންނަށް ހަވާލުކުރޭ! ހައުސިން ލޯނު ނަގާފައި ހުރި ހުރިހާ އެންމެންނާ އެ ހަވާލުކުރޭ! މިހާރު ފަސް ޕަސަންޓަށް ދެވޭ ކަމަށްވަންޏާ ކޮބައިތޯ މިނޫން ތަރުޖަމާއެއް. ހައުސިންއަށް ލޯނު ނެގި މީހުން ފެލައިގެން ހުރިހާ ލާރިއެއް ނެގީ ކީއްވެގެންތޯ؟" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިންސާނާ އެންމެ ވަރުގަދައަށް ހަލާކުކޮށްލާ ދެ ކަމަކީ ފައިސާ އާއި މަގާމުގެ ބާރުވެރިކަމުގެ ނުފޫޒު ކަމަށާއި 12 ޕަސަންޓުގައި ދެވެން އޮތް ލޯނެއް ފަސް ޕަސަންޓަށް ތިރިކުރަން ޖެހުނީ ކޮން މަޖުބޫރުކަމެއް ކުރިމަތިވެގެންކަން ނޭނގޭ ކަމަށެވެ. އަދި މެދުކެނޑުމެއްނެތި އެއީ ކިހާ ދުވަހެއް ވަންދެން ދެވޭނެ ލޯނެއް ކަމެއް ވެސް ސާފުނުވާ ކަމަށް ވިދާޅުވިއެވެ.
"މިއީ ވާނެ ކަމެއް ނޫން، ކިހާ ދުވަހަކު މިގޮތަށް ލޯނު ދޭނީ. ދެން ވާނެ ގޮތަކީ އެ ހައުސިންއަށް އެޕްލައި ކުރާ މީހުން ހުށަހަޅާ އެޕްލިކޭޝަނެއް ދުވަހަކު ވެސް ފުރިހަމައެއް ނުވާނެ. މި ސަރުކާރުން މިކުރާ ކަމަކީ ކޮންމެ ކަމެއް ފައްޓާނެ ވަރަށް އަޑުގަދަކޮށް،" ޔާމީން ވިދާޅުވިއެވެ.
"ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެ ގިންތިތަކަކީ:
- އަތޮޅު ތެރެއަށް: މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ. މި ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް.
- އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށް.
- ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުން.
ފުރަމާލެ ކެޓަގަރީގައިވާ ގޮތުން އެ ކެޓަގަރީގެ ދަށުން ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.
އެ ސްކީމް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެ ސްކީމުގެ ބަޖެޓުގައި ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ. އަދި އެ ސްކީމު މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެއް ބިލިއަން ރުފިޔާ އިންވެސްޓުކުރެވިގެން ހަރަދުކުރެވިގެންދާނީ މި ރޭވިފައި އޮތް ގޮތުން ކަމުގައިވާތީވެ އިފެކްޓިވްލީ ހަގީގަތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު މި ސްކީމްގެ ދަށުން ދެންމެ މި އިއުލާނުކުރެވުނު އެއް ބިލިއަން ރުފިޔާގެ ކެޕްގެ ދަށުގައި،" ރައީސް ވިދާޅުވެފައިވެއެވެ.
"ހިޔާވެހި ފައިނޭންސިން ސްކީމް"އަށް އެދި ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު