މިހާރުން މިހާރަށްވެސް 250 ޓީޗަރުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ދިވެހި މުދައްރިސުން ހޯދުމަށް އެންމެ ދަތި މާއްދާތަކުގެތެރޭގައި އިނގިރޭސި، ހިސާބު، ސައިންސްގެ މާއްދާތައް ހިމެނޭކަން ފާހަގަވާ ކަމަށެވެ.

" ޕްރައިމަރީ ގްރޭޑަށް ބަލައިލިކަމުގައިވެސް 250 ޓީޗަރުން މިހާރުން މިހާރަށް ބޭނުންވޭ. ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށްވުރެ ސައިންސް ސްޓްރީމްގެ މާއްދާތަކަށް ޓީޗަރުން ބޭނުންވެފައިވާ ވަރު ބޮޑުވެފައި މިވަނީ. ސަބަބަކީ ހިސާބު މާއްދާގައި ބައިވެރިވާން މަޖުބޫރުވި ނަމަވެސް ވަރަށް ގިނައިން އަތޮޅުގެ ރަށްރަށުގައި ސައިންސްގެ މާއްދާތަކުން ކިޔަވައިދިނުމުގެ ފުރުސަތު ބިޒްނަސް މާއްދާތަކާ އެއްވަރަކަށް ފަހި ކުރެވިފައެއް ނެތް" ޝަފީއު ވިދާޅުވިއެވެ.

ސައިންސްގެ މާއްދާތައް ހަދާ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށާއި އޯލެވެލްގައި 6000 ކުދީން ބައިވި ނަމަވެސް، ސައިންސްގެ މާއްދާތައް ހަދަނީ ގާތްގަނޑަކަށް 2000 އާއި 2500 އާ ދޭތެރޭގެ އަދަދެއްގެ ދަރިވަރުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

"އެެހެންކަމުން ސައިންސްގެ ޝޯޓޭޖް، ރާއްޖޭގައި ސައިންސްގެ މާއްދާތަކުން ގްރެޖުއޭޓްވާ ކުދީންގެ އަދަދު މިވަނީ ދަށްވެފަ. ދަރިވަރުންގެ ނަތީޖާވެސް ސައިންސްގެ މާއްދާތަކުން ދަށް. މެތެމެޓިކްސްގައިވެސް އަޅުގަނޑުމެންނަށް ގައުމީ ލެވެލްގައި ފާސް މިވަނީ 50 އިންސައްތައަށްވުރެ ދަށުން. މުޅި އެވްރެޖު ކެމިސްޓްރީ، ބަޔޮލޮޖީ، ފިޒިކްސްގެ މާއްދާގެ މުޅި އެވްރެޖަށް ބަލައިލިކަމަށް ވިޔަސް ގާތްގަނޑަކަށް ސާޅީހާ ގާތްކުރާ އަދަދަކަށް ދަރިވަރުން ފާސްވަމުންމިދަނީ." މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދަން، ރައީސްގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތުން ޔުނިސެފްގެ އެހީތެރިކަމާއި ގްލޯބަލް ޕާޓްނާޝިޕްގެ ފަންޑިން ލިބިފައިވާ ކަމަށް މިނސްޓަރު ވިދާޅިވިއެވެ. އަދި ރާއްޖޭގެ 21 ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސް ކަމަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.