ޓީޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށް، އޭލެވެލްއަށް ކިޔަވަން ފެށި 135 ދަރިވަރަކަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.
މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސްކޮލަޝިލް ލިޔުން ދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސްގެ އިރުޝާދުގެ ދަށުން އެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރުކަން ކިޔަވަން ޝައުގު ހުންނަ ދަރިވަރުން އޭލެވެލްގައި ކިޔެވުމާއެކު، ޓީޗިންގެ ފައުންޑޭޝަން ކޯސް ނިންމުމަށްފަހު އެ ދާއިރާއިން ޑިގްރީއަށް ކިޔަވާގޮތަށެވެ.
"މި އަހަރު 140 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން މި ބައިވެރިވީ. އެހެން ނަމަވެސް އުފަލާއެކުގައި ފާހަގަ މިކުރަނީ މިހާ ހިސާބަށް މިނިސްޓްރީއާއި އަދި ޕާޓްނާޝިޕްތައް ގުޅިގެން މި ކުރެވުނު މަސައްކަތުން މި ޕްރޮގްރާމަށް މިހާރު ވަންނަން ބޭނުންވާ ކުދީންގެ އަދަދު މިދަނީ އިންތިހާއަށް ގިނަވަމުން. މި އަންނަ އަހަރު އަޅުގަނޑުމެންގެ އުންމީދަކީ އެންމެ މަދުވެގެންވެސް 150 ވަރަކަށް ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވުން" އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.
އެ ކޯސްތަކުގައި ކިޔަވާއިރު، ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އެ ޕްރޮގްރާމްގެ ދަށުން ޓީޗިން ކިޔަވާ ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، ޓީޗަރުން ލިބުން ދަތި މާއްދާތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. ޕްރޮގްރާމް ކުރިއަށްގެންދަނީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިޔުކޭޝަންގެ އެހީއާއެކު އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމުކޮށްފައިވާ "ތައުލީމަށް އިންގިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުންނެވެ.
"އަޅުގަނޑުމެން ގައުމީ ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވަސިޓީއާއި އަދި އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ވިލާ ކޮލެޖާ އެކުގައި އެމްކިއުއޭގެ އެހީތެރިކަމާއެކުގައި މި މަސައްކަތްކުރަނީ މި ޕްރޮގްރާމުގައި ވީހާވެސް ގިނަ މާއްދާތަކެއް ދަރިވަރުން ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކުރުން. މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ކުރުމަކީ ކޮންމެ ކޮންމެ އާއިލާއަކަށް ފަސޭހަކަމަކަށް ނުވާނެ. އެހެންވީމަ ރައީސްގެ ސިޔާސަތުގެ މަތިން ދަރިވަރުންނަށް މި ފުރުސަތު ފަހިވެގެންދަނީ އެ ކުދީންގެ ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމުގެ ތެރެއިން ދޭނަން" ޝަފީއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު