ވޭޕް މަނާކޮށް، ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ވިޔަފާރި ހުއްދަ ބާތިލުކުރަން ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. ހަމަ އެ ދުވަހު މަޖިލީހަށް ބިލު ބަލައިގަނެ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވިއެވެ.
މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީ ބައްދަލުވުމުގައި ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ އިބާރާތްކުރުމަށް އިސްލާހު ގެނެސްފައެވެ. ނަމަވެސް ބިލަށް މާބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ވިދާޅުވީ ވޭޕް މަނާކުރާ ހިސާބުން އެ ވިޔަފާރިކުރާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބޭނެ ކަމަށާއި އެގޮތުން ބައެއް ފަރާތްތަކުން އެ ވިޔަފާރި ހިންގަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ކަމަށެވެ. އެހެންކަމުން އެ ބިލު ތަސްދީގުކުރުމަށްފަހު ސަރުކާރުން ކޮންމެވެސް ކަހަލަ ބަދަލެއް އެ ފަރާތްތަކަށްދީ، އެކަމަށް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ ފުރަތަމަ ކަމަކަށް މަސައްކަތްކުރަންވީ ބިލު ފާސްކުރުމަށް ކަމަށާއި ބިލު ތަސްދީގުކުރުމަށްފަހު އެ ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކަށް ސަރުކާރަށް ހައްލުތަކެއް ހޯދޭނެ ކަމަށެވެ.
ކޮމިޓީން ބިލު ފާސްކުރުމަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ފަޒީލެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި މެންބަރުގެ އަގުލަބިއްޔަތުން ބިލު ފާސްކުރި އިރު، ތިން މެންބަރަކު ވަކިގޮތަކަށް ވޯޓެއް ނުދެއްވައެވެ. އެއީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އަދި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމެވެ.
އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
ސިިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލްކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައި ބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބިލުގައިވެއެވެ.
އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަަމަށް ބިލުގައިވެއެވެ.
ބިލުގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުން 21 އަހަރަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. އެ ބިލުގައިވާ ގޮތުން، އެ ނިންމުން ތަންފީޒު ކުރާނީ މިމަހުގެ 15 އިން ފެށިގެންނެވެ.
ސަރުކާރުން ވަނީ މިމަހުގެ 15 އިން ފެށިގެން ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ނިންމައިފިއެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު