ފައިސާ ދެއްކި މީހުން ހައްޖަށް ގެންދިއުން ލަސްވަމުންދާ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރަށް ދޭ ކޯޓާތަކެއް ދެން ނުދޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ވަނީ ފައިސާ ދެއްކި މީހުން ހައްޖަށް ގެންދިއުން އަހަރަކަށްވުރެ އަހަރެއް ލަސްވަމުންދާ މައްސަލައިގައި ހައްޖު ކޯޕަރޭޝަނަށް ސުވާލުތައް އަމާޒުކޮށްފައެވެ. އެގޮތުން ފައިސާ ދެއްކި މީހުން ފުރަން ގާތްވެފައިވަނިކޮށް ފަހުވަގުތު، ޖެހިގެން އަންނަ އަހަރަށް ފުރުން ފަސްކުރަނީ ގިނައިން ފައިސާ ދައްކާ މީހާއަށް ފުރުސަތު ދިނުމުގެ ހާއްސަ އުސޫލެއް ގެންގުޅޭތީތޯ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ސުވާލުކުރައްވައިފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަކީލް ވިދާޅުވީ 850 މީހުން ގެންދާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ އަދަދަށް މީހުން ނުގެންދެވުމުން ލިސްޓުގައި ހިމެނޭ މީހުން ޖެހިގެން އަންނަ އަހަރަށް ފަސްކުރަން ޖެހޭ ކަމަށާއި އަދި ޖެހިގެން އަންނަ އަހަރު ގެންދަން ހަމަޖެހިފައިވާ މީހުންގެ އަދަދެއް އޭގެ އަނެއް އަހަރަށް ވެސް ފަސްކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ މިއަހަރު ވެސް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ބަޔަކު ބޮޑު އަދަދެއް ދެއްކީމާ، ހައްޖު ކޯޕަރޭޝަނުން ފުރުސަތު ދެނީއެއް ނޫން. އަޅުގަނޑުމެން ހައްޖު ކޯޕަރޭޝަނުން ކޮންމެ ފަހަރަކު ވެސް މި އޮންނަ އުސޫލުގެ ތެރެއިން މި ގެންދަނީ. އެހެންވީމާ ސަރުކާރު ކޯޓާ ނުވަތަ މިނިސްޓްރީގެ ކޯޓާގެ ގޮތުގައި ބަޔަކު ގެންދަން މިގޮތަށް އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަޅުގަނޑުމެންނަށް މިހާރު އިރުޝާދުދެއްވާފައިވަނީ ކިޔު ތަރުތީބުގެ ބޭރުން އެއްވެސް ކޯޓާއެއް ރިޒާވް ނުކުރުމަށް. އަޅުގަނޑުމެންނަށް ރަސްމީކޮށް ސިޓީއަކުން ރައީސް އޮފީހުން ވަނީ އަންގާފައި، އުސޫލު މިހެން އޮތް ކަމަށްވިޔަސް، ކިޔު ތަރުތީބުގެ ބޭރުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން، ރިޒާވް ނުކުރުމަށް،" އޭނާ ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ 850 މީހުން ހައްޖަށް ގެންދަން އޮންނަ އިރު، ލިބޭ 1000 ކޯޓާގެ ތެރެއިން 80 ވަރަކަށް މީހުން އެހީތެރީންގެ ގޮތުގައި ގެންދަން ޖެހޭ ކަމަށާއި އެއީ އުސޫލުގައިވާ ގޮތުން އުމުރުން 70 އަހަރަށްވުރެ މަތިވެއްޖެ ކަމަށްވަންޏާ އެމީހަކާއެކު އެހީތެރިޔަކު ގެންދަން ލާޒިމުވާތީ ކަމަށެވެ. މިއަހަރު ވެސް އެހީތެރިންގެ ގޮތުގައި 87 ވަރަކަށް މީހުން ގެންދަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ 1000 ކޯޓާގެ ތެރެއަށް މި އަދަދުވެސް މި އަންނަނީ. ދެން އޭގެ އިތުރަށް ފަގީރުންގެ ގޮތުގައި މިއަހަރު އަޅުގަނޑުމެން މި ގެންދިޔައީ 50 މީހުން. އަދި އުސޫލުގައި އެބައޮވޭ ބޮޑެތި ބަލިތަކަށް ހާއްސަ، އެއީ ޖުމުލަ ކޯޓާގެ ފަސް ޕަސަންޓް، މާނައަކީ 50 ޖާގަ. އެހެންވީމާ 265، 1000 އިން ކަނޑާލީމާ މިވަނީ 735 އަށް،" އޭނާ ވިދާޅުވިއެވެ.
ޝަކީލް އިތުރަށް ވިދާޅުވީ ސަރުކާރަށް ވެސް ޖާގަތަކެއް ކަނޑައަޅަން ޖެހޭ ކަމަށާއި ނަމަވެސް އުސޫލުގައި އޮންނަ ގޮތުން ސަރުކާރަށް ބޭނުން އަދަދަކަށް ކޯޓާތަކުން ނެގޭ ކަމަށެވެ. އަދި މިއަހަރު ވެސް ސަރުކާރުގެ ކޯޓާގެ ގޮތުގައި 143 މީހުން ހައްޖަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން އުސޫލު އޮންނަ ގޮތުން ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތަކުގެ ތެރެއިން އެންމެ މަދުވެގެން ހައްޖު ކޯޕަރޭޝަނަށް ދޭން ޖެހޭނީ 50 ޕަސަންޓެވެ. އަދި އިސްލާމިކް މިނިސްޓަރަށް އޮންނަ ބާރުގެ ދަށުން ބާކީ ކޯޓާތައް ހާއްސަކުރަނީ އެހެން ކުންފުނިތަކުން ހައްޖަށް މީހުން ގެންދިއުމަށެވެ.
އުސޫލު އެގޮތަށް އޮތުމުން، މި ސަރުކާރުން ވަނީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކެބިނެޓުން އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު