އަރަބިއްޔާ ސްކޫލް އިމާރާތުގެ މަސައްކަތް ނުފަށައި ފަސްކުރީ 80 މިލިޔަން ރުފިޔާ ސަލާމަތްކުރުމަށް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ލަސްވާ މައްސަލައިގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްްވަމުން މިނިސްޓަރު ވިދާޅުވީ، ޒަމާނީ ފެންވަރަށް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ޓަކައި ކޮންޓްރެކްޓަރާ މަޝްވަރާ ކުރެއްވި ނަމަވެސް ލިބުނީ ވަރަށް ބޮޑު އަގެއްކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ސްކޫލްގެ އަމަލީ މަސައްކަތް ފަށަން މަސައްކަތްކުރި ނަމަވެސް އެކަން ކުރެެވެން އަންނަނީ ރައްޔިތުންގެ ފައިސާއިން 80 އެތައް މިލިއަން ރުފިޔާގެ އަގެއްގައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފައިސާއަށް ވުމުން އެކަން އެގޮތަށް ނުކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނސިްޓަރު ވިދާޅުވީ، އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ އިމާރާތުގައި އެ ކުދީންނަށް އެއްވެސް ގެއްލުމެއް ނެތް ކަމަށާއި އެ ސްކޫލްގެ ބެލެނިވެރީންނަށް ހުރިހާ މައުލޫމާތެއް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ އަގު ދަށްކުރަން އަމީން ކޮންސްޓްރަކްޝަނާ އެކު އެއްބަސް ނުވެވުމުން، އެއްބަސްވުން ބާތިލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެއީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އޭރު އެ ކުންފުންޏާ އެކު އެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ނިންމެވީ ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ އެހެން ތަނަކަށް އަރަބިއްޔާގެ އާ އިމާރާތް ބަދަލުކުރާށެވެ. އެހެންވެ، މި ސަރުކާރުން ދެއްކީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓެވެ. އެ ބިމަށް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބަދަލުކޮށް، އެއީ އެ ސްކޫލްގެ ދާއިމީ ބިން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.