މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން، 25،000 ޓަނުގެ މަސް ރައްކާކުރެވޭގޮތަށް ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބޭނުންވާ އަގުގައި މަސް ބޭރުކުރެވޭނެ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅު އަހަރެއްގައި މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާ އިރު، ރޯ މެޓީރިއަލްގެ ގޮތުގައި މިހާރު ގާތްގަނޑަކަށް 65 އިންސައްތަ ބޭރުކުރަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރޯ މެޓީރިއަލްގެ ގޮތުގައި މިއަދު ބޭރުކުރަން މަޖުބޫރު. އެއްވެސް ސަރުކާރަކުން އެދެވޭ ހައްލެއް މި ގޮންޖެހުމަށް ދެވިފައި ނެތީމައާއެކީގައި މި ޖެހެނީ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރަން. އަނެއް ކަމަކަށް އެ ސްޓޯރޭޖު ބިލްޑް ކުރެވިފައި ނެތީމައާއެކީގައި މި ޖެހެނީ ބޭނޭ ވަރަކަށް ބޭރުކުރަން. އެމީހުންގެ ބޭނުން ނެތަސް މި ޖެހެނީ ވިއްކަން، އެހެންކަމަށް ވަނީ ނަމަ އަޅުގަނޑުމެން ބޭނުންވާ އަގަށްވުރެ ބޮޑަށް އެމީހުން ބޭނުންވާ އަގުގައި މަސްބޭރުކުރަން މި ޖެހެނީ،" ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވިފަހުން މަސް ރައްކާކުރެވޭ މަހުގެ ކެޕޭސިޓީ ހުރީ ބޯޓުތައް ހިމެނޭ ގޮތަށް ތިން ފެސިލިޓީއެވެ. އެއީ ޅ. ފެލިވަރު، ގއ. ކޫއްޑޫ އަދި ސ. ހުޅުދޫއެވެ. މިހާރު ފެކްޓަރީތަކުގެ މަސްރައްކާ ކުރާ ކެޕޭސިޓީ އަކީ ފެލިވަރުގައި 750 ޓަނު، ކޫއްޑޫގައި 2000 ޓަނު އަދި ހުޅުދޫގައި 1500 ޓަނެވެ. އެހެންކަމުން ޖުމުލަ 4250 ޓަނުގެ މަސް ރައްކާކުރެވެއެވެ.

"މަސް ގަންނަ ބޯޓުފަހަރުތަކާ އެކީގައި 8500 ޓަނު ރައްކާކުރެވޭ ކެޕޭސިޓީ، ބޮޑު އަދަދުތަކަކުން ލޭންޑަކުވެސް ނޫން މި ހުރީ ސްރޯރޭޖުތަކެއް. މި ހުރީ ބޯޓުފަހަރުގައި ސްޓޯރޭޖުތައް. ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ސްޓޯރޭޖުގެ މުހިންމުކަން ނެތްކަން މި އަދަދުތަކުން އެބަ ފާހަގަކުރެވޭ،" ޝިޔާމް ވިދާލުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ސްޓޯރޭޖު އިތުރުކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މަސް ރައްކާ ކުރާ ސްޓޯރޭޖުތައް ފެތުރުމަށް ގދ. ތިނަދުއަށް 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ، ގދ. ފިޔޯރީއަށް 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ، ގދ. ކޫއްޑުއަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ އަދި ސ. ހުޅުދުއަށް 500 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ޖާގަ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އިތުރު ކުރަނީ މި 15،500 ޓަނު. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ފަސް އަހަރު ނިންމާލާނީ އިރާދަކުރެއްވިއްޔާ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކީ،" ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ގިނަ ދުވަސްވީ އެދުމަށް ނިމުމެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި ކޫއްޑޫގައި ހުރި 2000 ޓަނުގެ ސްޓޯރޭޖަށް އިތުރު 4000 ޓަނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ނިމުމުން އެ ތަނުގައި 6000 ޓަނުގެ މަސް ރައްކާކުރާނެ ޖާގަ އޮންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަދަމާ ބަޔަކާ ހަވާލުކުރެވިގެންދާނެ. ހުޅުމީދޫގައި އިތުރު 500 ޓަނުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ. މިއީ 2019 ވަނަ އަހަރުން ފެށިގެން ހެޑްލައިންތަކުން ފެންނަ ވާހަކައެއް. މިއަދާ ހަމައަށްވެސް ބިލާހަކަށް ވެގެންދިޔަ ވާހަކަތަކެއް. މަސައްކަތްކުރުމަށްޓަކައި އެއްވެސް އިރެއްގައި އެއްވެސް ވަރެއްގެ ފައިސާއެއް ހޯދިފައެއް ނުވޭ. މިފްކޯއަށް މިހާރު މިވަނީ އައިސްޓީބީގެ ފަރާތުން އެ ފަންޑު ހަމަޖެހިފައި. ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަސް ކުރިން އެ ފަންޑު ހަމަޖެހިއްޖެ،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫ ކޯލްޑް ސްޓޯރޭޖު 500 ޓަނުގެ ކެޕޭސިޓީއަށް އިތުރުކުރުމުގެ މަޝްރޫއު 2026 ގެ ފުރަތަމަ ކުއާޓަރު ނިމޭ ހިސާބުގައި ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މުލަކުގެ ސްޓޯރޭޖު އިތުރުކުރުމަށް ސައުދީ ފަންޑުގެ އެހީ ލިބިފައިވާ ކަމަށެވެ. މުލަކު ސްޓޯރޭޖުގެ އެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މެދުރާއްޖެތެރޭގެ މަސް ރައްކާކުރާ ފެސިލިޓީތަކުގެ ތެރެއިން ފ. ނިލަންދޫ، މ. މުލަކު، ހއ. އިހަވަންދޫ އަދި ފެލިވަރުގެ ކޯލްޑް ސްޓޯރޭޖު ވެސް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.