ހައުސިން ލޯނުތަކަށް ހާއްސަ ކޮށްގެން ސަރުކާރުން "ހިޔާވެހި ފައިނޭންސިން ސްކީމް" އިފްތިތާހުކޮށްފިއެވެ.

މިއީ ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނުތައް ލިބިގެންދާނެ ސްކީމެވެ. ފަސް ޕަސަންޓުގައި ހައުސިން ލޯނުތައް ދޫކުރަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހިޔާވެހި ފައިނޭންސިން ސްކީމް" އިފްތިހާހުކޮށްދެއްވީ ވެސް ރައީސް ޑރ. މުއިއްޒެވެ.

"ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ބައިވެރީންނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. ސްކީމް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެތިން ތަނުގެ ފުރިހަމަ އެއްބާރުލުން "ހިޔާވެހި ފައިނޭންސިން ސްކީމަށް" ލިބެމުން އަންނަ ކަމަށެވެ.

އެ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

  • އަތޮޅު ތެރެއަށް: މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ. މި ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް.
  • އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށް.
  • ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުން.

ފުރަމާލެ ކެޓަގަރީގައިވާ ގޮތުން އެ ކެޓަގަރީގެ ދަށުން ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.

"ހިޔާވެހި ފައިނޭންސިން ސްކީމް" އެދި ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

އެ ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އެއް ބިލިއަން ރުފިޔާ ހާއްސަކޮށްފައެވެ.