ވަކި ކްރައިޓީރިއާތަކެއް ހަދައިގެން ދަރިވަރުން ބާކީކޮށްލުމުގެ މުސްކުޅި ގޮތްގަނޑެއް ގެންގުޅޭ ނަމަ، ދުވަހަކުވެސް ތަރައްގީ ހާސިލެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މާލޭގައި ސީއެޗްއެސްއީ އިމާރާތް އަލުން ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމެހިފައިވާ ނިޒާމެއްގެ ތެރެއަށް ތައުލީމީ ނިޒާމު ބައްޓަންކުރެވިއްޖެ ކަމަށްވާ ނަމަ، އުފާފާގަތިކަން ފެންނާނެ ކަމަށާއި އޭރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
"ބާކީކުރުމާއި ވަކި ކެޓަގަރީތަކެއް ހަދައިގެން، ވަކި ކްރައިޓީރިއާތަކެއް ހަދައިގެން ދަރިވަރުން ބާކީކޮށްލުމުގެ މުސްކުޅި ގޮތްގަނޑެއް އަޅުގަނޑުމެން ގެންގުޅޭ ކަމުގައިވާ ނަމަ، ދުވަހަކު ވެސް އަޅުގަނޑުމެންނަށް ތަރައްގީ ހާސިލެއް ނުވާނެ. އޭ ލެވެލްގެ ތެރެއިން އަޅުގަނޑުމެން ފަހިކޮށްދޭން އެބަޖެހޭ ވޮކޭޝަނަލް އެޑިއުކޭޝަން. އަދި ރައީސް ރޭގައި ވިދާޅުވި ފަދައިން އެހެނިހެން އޯލްޓަނޭޓިވް ޕާތުވޭސްތައް އަޅުގަނޑުމެން ކުރިއޭޓްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކަށް ވެފައިވަނީ އޯ ލެވެލް ނިންމާ ދަރިވަރުންނަށް ވީހާވެސް ގިނަ ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި ކުރިން އޭ ލެވެލްގައި 1100 އެއްހާ ދަރިވަރުން އެންރޯލުވެފައިވީ ނަމަވެސް، މިއަދު އެ އަދަދު 2000 އަށް މަތިކުރެވިފައިވާ ކަމަށެވެ.
"މުޅި ދިވެހިރާއްޖޭގެ ޕަބްލިކް ހުރިހާ ސްކޫލުތަކާއި ޕްރައިވެޓް ހުރިހާ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ މިންވަރަށް ބަލާ ކަމުގައިވާ ނަމަ، މިދިޔަ އަހަރުތަކަށްވުރެ 800 އިތުރު ކުދިންނަށް އަޅުގަނޑުމެންނަށް ފުރުސަތު ފަހިކޮށްދެވިއްޖެ. ނަތީޖާއަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ޒައާމަތާ ހަވާލުވި އިރުގައި ވިދާޅުވި ފަދައިން ފިކުރީ ގޮތުން ގައުމު ތަރައްގީކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ އޯ ލެވެލް ނިންމާ ދަރިވަރުންނަށް އިތުރަށް ކުރިއަށްދިއުމަށް އޯލްޓަނޭޓިވް ޕާތުތަކެއް އުފައްދަވައިދެއްވާނެ ކަމަށް ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އޭރުން އޯ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވާ އަދަދު މަދުވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު