އުސޫލުތަކާ ހިލާފަށް އޯޑިއޯ/ވީޑިއޯ ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން "އަދަދު" ނޫހަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން އެ އިދާރާއަށް ވަދެއްޖެއެވެ.
އޭސީސީގެ މީޑިއާ އޮފިސަރު ހުސެއިން މަނިކު "ވަން" އަށް ދާދި ދެންމެ ވިދާޅުވީ އެމްއެމްސީން ކުރިއަށް ގެންދިޔަ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި މިއަދު އެ އިދާރާއަށް، އެ ކޮމިޝަންގެ ބައެއް މެންބަރުން ގޮސްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ބޭނުންވާ ބައެއް މައުލޫމާތާއި ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް ނުދެއްވައެވެ.
އެމްއެމްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭސީސީގެ ބައެއް މެންބަރުން މިއަދު އެ ކޮމިޝަނަށް ވަޑައިގެން، އެ މައްސަލައާ ގުޅުން ހުރި ބައެއް ލިޔެކިޔުން ވަނީ ގެންދަވައިފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީގެ އެވޯޑް ހަފުލާގައި އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއެކެވެ.
ނަމަވެސް އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ އެމްއެމްސީގެ އެވޯޑް ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ފަހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ސަލީމް، ޝައްމާން ޝާކިރު، ހަސަން އާމިރު، ފާތިމަތު އަޝްވާ ފަހީމާ، އަބްދުﷲ ނައީމް އިބްރާހިމް އަދި އަބްދުﷲ އަޒްމީންއެވެ. އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމަށް ހުށަހެޅި ވީޑިއޯތަކަށް ފަނޑިޔާރުކަން ކުރެއްވީ ޝައްމާން، އަޒްމީން އަދި އަޝްވާ އެވެ.
އެ ފަނޑިޔާރުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްއެމްސީގެ އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު އުސޫލާ ހިލާފަށް ދިންކަން ބަޔާންކޮށް ހަތް ކަމެއް ފާހަގަކޮށްފައެވެ.
- ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއް ނެތި ޝާއިއު ކޮށްފައިވާ ކޮންޓެންޓެއް ކަމާއި އެކަން ނުކުރުމަށް އެމްއެމްސީން ބަޔާނެއް ނެރެފައި އޮތުން
- އެ އުފެއްދުން ބަލައިގަނެ، އެވޯޑް ނޮމިނޭޓްކޮށް، ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަންވާވަރަށް ނުބަލައިކަން. އެހެންކަމުން އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ
- މިކަމާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރުކަމާއެކީ ޖަވާބުދާރީވެފައި ނެތުން
- އޯޑިއޯ، ވީޑިއޯ ދާއިރާއިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުން ދީފައިވާ ރުބްރިކުގައި 80 ޕަސެންޓް ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭންޖެހޭ ގޮތަށް. މިހެންވެ ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދޭނެ އެއްވެސް ގޮތެއް ނެތް
- ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތައް އެވޯޑްގެ ޖުމުލަ ފަނޑިޔާރުންގެ ޕެނަލަށް ހިއްސާ ކޮށްފައިނުވާކަން
- މީގެ ކުރީގެ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް، ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސްދީ ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅައިފައިވާ އޮޑިޓް ފާމަށް. މިފަހަރު މިއިން އެއްވެސް ކަމެއް ކޮށްފައި ނެތް
ޚަބަރު
ޚަބަރު
ޚަބަރު