މިނިވަންކަމާ ކުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެ ކަމަށް ވިދާޅުވެ، ލޯތައް ހުޅުވައި އަބަދުވެސް ގައުމު އިސްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމަކަށް އެންމެ މުހިންމީ، އެ ގައުމެއްގެ ރައްޔިތުން، ގައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވާން ކެރޭ ބައެއްގެ ގޮތުގައި ތިބުން ކަމަށާއި މިހާރަކު ކޮންމެހެން އެއިރުގައި އައިހެން ކަނޑިއާއި ބަޑި ހިފައިގެން ނާންނާނެ ކަމަށެވެ. ދިފާއީ ބާރުވެސް، ހުރިހާ ހާލަތަކަށް ތައްޔާރުކުރުން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހަމަ އެއާއެކީގައި، ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން އެބަޖެހޭ. މިހާރު ގައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭ. ލިޔެލާ ލިޔުމަކުން، ނޫނީވިއްޔާ އިންޓަނެޓުން ހިންގާ އެކިކަހަލަ ކެމްޕެއިންތަކުން، ނޫނީވިއްޔާ އެފަދަ ކޮންމެވެސް ޒަމާނީ ވަސީލަތަކުން މިހާރު އެކި ގައުމުތަކުގައި އެކި ކަންތައްތައް އެ ހިންގަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު 3، 1988 ގައި ދެއްކި އެކުވެރިކަން ދައްކާ ބަޔަކަށް ވާން ޖެހޭ ކަމަށާއި އިސްލާމްދީނަށްވުރެ މުހިންމު އެއްޗެއް ނެތްކަމާއި ދިވެހީންގެ ކުރިމަތީގައި ދުޝްމަނުންނަށް އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެކަން އަދި ދުޝްމަނުންނަކީ މިހާރު ކޮންމެހެން ކުރިމަތިން ފެންނަ މީހެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އެކިކަހަލަ އޮއިވަރުތައް ހިނގަމުން މިދަނީ. އެތެރެއިންނާއި ބޭރުން. އެތެރޭގައިވެސް ތިބޭ. އެކިކަހަލަ ނުބައި އޮއިވަރުތައް ހިންގަމުން މިދަނީ. އަޅުގަނޑުމެންގެ މުޖުތަމައު ވީރާނާކޮށް، އަޅުގަނޑުމެންގެ އެތެރެ ބައިބައިކުރުމަށް ހިންގާ ކަންތައްތައް. ގައުމެއްގެ ސިފަ ގެއްލުވައިލުމަށްޓަކައި ހިންގާ ކަންތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިފައިންނާއި ފުލުހުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން އެކަމަށްޓަކައި ނޭޝަނަލް ސާވިސްގެ ގޮތުގައި ހާއްސަ ޕްރޮގްރާމެއް އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުން ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭ 4000 ސިފައިންނާއި 1000 ފުލުހުން އިތުރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.