ސިފައިންގެ ހިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުތެރޭ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް ކޮށްދޭން ނިންމައި ފަށާފައިވާނެ ކަމަށާއި ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
"ހިލޭ އެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި އަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ހަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ހިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުން އިތުރުކުރުމަށް އަންނަ އަހަރުން ފެށިގެން ނޭޝަނަލް ސާވިސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށާއި އެ ޕްރޮގްރާމް ހިންގުމަށް ފެސިލިޓީތައް ބޭނުންވާނެ ކަމަށެވެ. އެގޮތުން ގިތިފުޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. 13 ހެކްޓަރު ހިއްކާލީމާ، ވަރަށްބޮޑު ޖާގަ އެބަ އިތުރުވޭ. މި 13 ހެކްޓަރު ހިއްކައި، ޝޯ ޕްރޮޓެކްޝަން ވަށައި ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގިރިފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަހަރަށް ހުށަހެޅި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސް (އެންޕީއައި)ގެ ދަށުން ކަމަށާއި އެއާއެކު ޕްރޮގްރާމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު