ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުގެ ލީޑަރު ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ނަސްރު ﷲ މީގެ ދުވަސްކޮޅެއް ކުރިން އިޒްރޭލުގެ ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ. އޭނާގެ ބަދަލުގައި މިހާރު އެ މަގާމަށް ނައީމް ގާސިމް ވަނީ އައްޔަންކޮށްފައެވެ. މިހަފުތާގެ އަންގާރަ ދުވަހު ހިޒްބު ﷲ ޖަމާއަތުން ވަނީ މިކަން ކަށަވަރުވެސް ކޮށްދީފައެވެ. ނައީމް ގާސިމް މިހާތަނަށް ހުންނެވީ އެ ޖަމާއަތުގެ ދެވަނަ ވެރިޔާގެ ގޮތުގައެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އޭނާ ހުންނަވާތާ 35 އަހަރު ވެއްޖެއެވެ. އެންމެ ފުރަތަމަ އެ މަގާމަށް 1991 ވަނައަހަރު ވަޑައިގެންނެވިއިރު ހިޒްބު ﷲ ގެ ވެރިޔަކީ އައްބާސް އަލްމޫސަވީއެވެ. އިޒްރޭލުގެ ހަމަލައެއްގައި 1992 ވަނަ އަހަރު މޫސަވީވެސް ޝަހީދުވީއެވެ. ހަމައެއަހަރު ހިޒްބު ﷲ ގެ ޝޫރާ ކައުންސިލުން ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ ހަސަން ނަސްރު ﷲ އެވެ. ހުސްވި ސެޕްޓެމްބަރު ހަތާވީހުގައި ނަސްރު ﷲ ވެސް އިޒްރޭލުން ވަނީ ޝަހީދުކޮށްލައިފައެވެ.
ނައީމް ގާސިމް އުފަންވެވަޑައިގަތީ ލުބުނާނުގެ އެންމެ ދެކުނުގައިވާ އަވަށެއްގައެވެ. އެއީ މިހާރު އިޒްރޭލުގެ އިމާ ވަރަށް ގާތުގައިވާ އަވަށެކެވެ. އިޒްރޭލުގެ ބޮޑުބަޑިތަކާއި ބޮމުގެ ހަމަލާތައް އާއްމުގޮތެއްގައި އަމާޒުވެ ސުންނާފަތިވެފައިވާ އަވަށެކެވެ. ނައީމް ގާސިމްގެ މައިގަނޑު އުސްތާޒަކީ ލުބުނާނުގެ ޝީއީންގެ ކުރީގެ އެންމެ ބޮޑު އިލްމުވެރިޔާ އަދި އިމާމު އާޔަތު ﷲ މުހައްމަދު ހުސައިން ފަޟްލު ﷲ އެވެ. ނައީމް ގާސިމް އަމިއްލަފުޅަށްވެސް ބެއިރޫތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކިޔަވައި ދެއްވިއެވެ. ސިޔާސީ ކަންކަމުގެ ތެރެއަށް ނައީމް ގާސިމް ވެދެވަޑައިގެންނެވީ މީގެ 55 އަހަރު ކުރިން އިމާމް މޫސާ އައްސަދުރުގެ ޖަމާއަތުގެ ވިޔުގައިގެ ތެރެއިންނެވެ. މި ޖަމާއަތް ފަހުން ބަދަލުވީ އަމާލް ޖަމާއަތުގެ ގޮތްޕަކަށެވެ. އަމާލް ޖަމާއަތް ދޫކުރައްވައި 1982 ހިސާބުގައި ނައީމް ގާސިމްގެ ބައިވެރިވެވަޑައިގަތުމާއެކު ދެން ވުޖޫދުކުރެވުނު އައު ޖަމާއަތަކީ މިހާރު އެންމެންގެ ތެރޭގައިވެސް މަޝްހޫރު ހިޒްބު ﷲ ޖަމާއަތެވެ.
ހިޒްބު ﷲ ޖަމާއަތުގެ ތެރޭގައި އެކި މީހުންގެ ޒިންމާތަކާއި އަދާކުރާ ދައުރަކީ މާބޮޑަށް އާއްމުކުރެވޭ މައުލޫމާތެއް ނޫނެވެ. އެގޮތުން ނައީމް ގާސިމްގެ ފުރިހަމަ ދައުރަކީ ކޮބައިކަމާއި އޭނާ ކުރައްވާފައިވާ ކަންކަމުގެ ފުރިހަމަ މައުލޫމާތުވެސް އޮންނަނީ ސިއްރު ކުރެވިފައެވެ. އެނގޭ މިންވަރަކީ އެ ޖަމާއަތުގެ ތައުލީމާބެހޭ ކަންކަމުގެ އިސްވެރިޔަކަށްވެސް ހުންނެވިކަމާއި އަސްކަރީ ކަންކަމާބެހޭ ގޮފީގެ ވެރިޔަކަށްވެސް ދުވަސްކޮޅަކު ހުންނެވިކަމެވެ. އެ ޖަމާއަތުގެ ޒައާމަތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ނައީމް ގާސިމަކީ ދުނިޔެއަށް އެންމެ ބޮޑަށް ފެނިދަސްވެފައިވާ އެއްމޫނެވެ. އޭނާއަކީ އެ ޖަމާއަތުގެ ޝޫރާ ކައުންސިލްގެ މެންބަރެއްވެސްމެއެވެ. އޭނާވަނީ ހިޒްބު ﷲ ޖަމާއަތާމެދު 2005 ވަނަ އަހަރު ފޮތެއްވެސް ލިޔުއްވައިފައެވެ. ދުނިޔޭގެ ވަރަށް ގިނަ ބަސްބަހަށް މިފޮތް ތަރުޖަމާ ކުރެވިފައިވެއެވެ. ފަހަކަށް އައިސް އޭނާގެ ހަރަކާތްތައް ބޮޑަށް ހިނގަމުންދިޔައީ ފަރުދާގެ ކުރިމައްޗަށްވުރެ ބޮޑަށް ފަރުދާގެ ފުރަގަހުގައެވެ.
ހުސްވި ސެޕްޓެމްބަރުމަހު ނަސްރު ﷲ ޝަހީދުވުމުން ގިނަބަޔަކު ހީކުރީ ޝޫރާ ކައުންސިލުން އައު ލީޑަރަކު އައްޔަންކުރާނީ ހަނގުރާމަ ނިމުމުން ކަމުގައެވެ. އެކަމަކު ހަނގުރާމައިގެ މެދުން އެ މަގާމަށް ނައީމް ގާސިމް ވަނީ އައްޔަންކޮށްފައެވެ. މި ހަނގުރާމައަކީ ހިޒްބު ﷲ ގެ ކުރިމަގު އޮންނާނެގޮތް ފަރުމާވެގެންދާނެ ހަނގުރާމައެކެވެ. މީގެކުރީގައި ހިޒްބު ﷲ ގެ ވެރިން ތުރުކުރެެއްވީ ކަޅު ފަގުޑިއެވެ. ނަސްރު ﷲ އާއި ސަފިއްޔުދީން ފަދަ ލީޑަރުންނެވެ. ސައްޔިދު ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކަން ރަމްޒުކޮށް ދެއްވުމަށެވެ. ނައީމް ގާސިމް ތުރުކުރައްވަނީ ހުދު ފަގުޑިއެވެ. އެގޮތުން ނައީމް ގާސިމަކީ މިހާރުވެސް ތަފާތު ބޭފުޅެކެވެ. ނަސްރު ﷲ ޝަހީދުވުމަށްފަހު ދެން ލީޑަރުކަމަށް ވަޑައިގަންނަވާނެ ކަމަށް ހީކުރެވުނު އެއްބޭފުޅަކީ ހާޝިމް ސަފިއްޔުއްދީނެވެ. އިޒްރޭލުން ވަނީ އޭނާވެސް ޝަހީދުކޮށްލައިފައެވެ. އެހެންވީމާ ނައީމް ގާސިމްގެ އެހެން ވާދަވެރިޔަކު ނެތެވެ. ސަފިއްޔުއްދީނަކީ އެގްޒެކަޓިވް ކައުންސިލްގެ ވެރިޔާއެވެ.
ފާއިތުވި މަހެއް، ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ހިޒްބު ﷲ ޖަމާއަތުގެ އަސްކަރީ ގޮފީގެ އިސްވަރަށް ގިނަބޭފުޅުން ވަނީ ޝަހީދުވެފައެވެ. ލުބުނާނުގެ ތެރޭގައި ސިޔާސީގޮތުން ހިޒްބު ﷲ އަށް ވާގިވެރިވާ ވަރަށް ގިނަ ބަޔަކު ވަނީ އެމީހުންގެ ރައްކާތެރިކަމަށްޓަކައި މިދުވަސްކޮޅު ހިޒްބު ﷲ އާ ތަންކޮޅެއް ދުރަށް ޖެހިލައިފައެވެ. އެހެންވީމާ ނައީމް ގާސިމަކީ އެ ޖަމާއަތުގެ އަސްކަރީ، ސިޔާސީ އަދި ތައުލީމީ ގޮފިގޮފީގެ ތެރެއިން އެންމެ ފާޅުކަންބޮޑުކޮށް ފެންނާންހުރި ހަމައެކަނި ލީޑަރެވެ. އެހެންވީމާ އޭނާ ބޭނުންފުޅުވާ މަގުމަގުން އެ ޖަމާއަތް ގެންދެވުމުގައި މާބޮޑު ހުރަސްތަކެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ނައީމް ގާސިމް ހިޒްބު ﷲ ގެ އެންމެ އިސް ލީޑަރުކަމަށް ވަޑައިގެންނެވުމަކީވެސް މާބޮޑު ހައިރާންކަމެއް އެކުލެވޭ ކަމެއް ނޫނެވެ. އައު ސެކްރެޓަރީ ޖެނެރަލަކީ ނައީމް ގާސިމް ކަމަށް ވުމަކީ ކޮންމެހެން އައު މިސްރާބަކުން އައުގޮތަކަށް އެ ޖަމާއަތް ކުރިއަށް ގެންދާނެކަމަށް ދަލީލުކުރާ ކަމެއްވެސް ނޫނެވެ. އެއަށްވުރެ ބޮޑަށް ގަބޫލުކުރެވެނީ ހިޒްބު ﷲ ގެ ކަންކަން ދެންވެސް ކުރިއަށްދާނީ ކުރިންވެސް ހިނގަމުންއައި ގޮތަށް ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ