ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ހިމަންދޫގައި ހުޅުވި އާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުން ހިމެނޭ ކަމަށެވެ.

މިއަދު ހިމަންދޫގައި ހުޅުވި އޭޓީއެމް ސެންޓަރުގެ އިތުރުން ދާދިފަހުން ފެރިދޫ އާއި ބޮޑުފޮޅުދޫގައި ހުޅުވި އޭޓީއެމް ސެންޓަރުތަކާއެކު އއ. އަތޮޅުގައި ބީއެމްއެލުން މިވަނީ ޖުމުލަ ހަތް އޭޓީއެމް ސެންޓަރު ގާއިމުކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 92 ސެލްފްސާވިސް ބޭންކިން ސެންޓަރު، 148 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.