އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ 16 ޕަސެންޓުގެ ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރުގެ ޖުލައި އެކަކުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށަން ޖެހޭނެއެވެ.
މި އިސްލާހާއެކު އާމްދަނީގެ ގޮތުގައި ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލުވެެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އެ ބިލުގައި ވަނީ 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ފާސްކޮށްފައެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ބިލުގައިވާގޮތުން މި ބަދަލާއެކު އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 963.6 މިލިޔަން ރުފިޔާ ލިބޭނެއެވެ.
މި ބިލުތައް ފާސްކުރަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓޫ ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު