ފަންސަވީސް ކޮޓަރިއަށްވުރެ ކުޑަ ގެސްޓްހައުސްތައް ނުހިމަނަން ހުށަހެޅި އިސްލާހު ބޭރުކޮށްލައި، ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ތިން ޑޮލަރެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކްސްގެ ގޮތުގައި މިހާރު ހަ ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން ދައްކަން ޖެހޭނީ 12 ޑޮލަރެވެ. ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަންޖެހޭނީ ހަ ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ ބޮޑުވުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރި ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ އެ ބިލާއެކު ހުށަހެޅި ޓެކްސްއާބެހޭ ތިން ބިލު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއާއި އިގުތިސޯދީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވުމަށެވެ.
ޖޮއިންޓް ކޮމިޓީން ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކޮށް އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއެވެ.
އެހެންކަމުން ބިލާމެދު މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާގައި ރަށްރަށުގައި ހިންގާ ގެސްޓްހައުސްއާއި ހޮޓާ ތަކުގެ ތެރެއިން 25 ކޮޓަރިއަަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރު ނެގުމަށް ހުށަހެޅިއެވެ. އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ތާއީދު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
ނަމަވެސް ބައްދަލުވުމުގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން އެ އިސްލާހު ގެންނަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެ އިސްލާހު ގެންނަން ނުފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ.
އެހެންކަމުން އިތުރު ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް، މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ، ބައްދަލުވުމުގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. އެގޮތަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު