ޓެކްސްގެ ގޮތުގައި ރާއްޖެ އެތެރެކުރާ ކޮންމެ ވޭޕަކުން 200 ރުފިޔާ ނެގުމަށް، އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާގައިވާ ބިލްގައި ހިމެނުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވީ، ވިޔަފާރިވެރިންގެ ނުފޫޒުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފިއެވެ.
އައްބާސް، ނާޒިމަށް މިފަދަ ތުހުމަތެއް ކުރެއްވީ، މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ރޭ ކުރިއަށްދިޔަ، އެބިލް ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ސަރުކާރުން ބިލް ހުށަހަޅާފައިވަނީ، އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިން 200 ޕަސެންޓްގެ ޑިއުޓީއެއް ނެގުމަށެވެ. ނަމަވެސް އެ އަދަދު 200 ރުފިޔާ އަށް ބަދަލު ކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)ގެ ޑިއުޓީ 50 ޕަސެންޓަށް، ސްޓިކަކުން އަށް ރުފިޔާ ނަގަން ބިލްގައި ހިމަނާފައިވާ، ސްޓިކްގެ ބައި ގްރާމުން އަށް ރުފިޔާ ނެގުމަށް ވެސް ނާޒިމް ހުށަހެޅުއްވިއެވެ.
ނާޒިމް ވިދާޅުވީ އެ ބަދަލުގެންނަން ހުށަހެޅުއްވީ ޕަސެންޓުން ޑިއުޓީ ނަގަން އޮތުމުން، އެތަކެތި ރާއްޖެ އެތެރެކުރާ އިރު، އިންވޮއިސް ބަދަލުކޮށްގެން ހެޔޮ އަގުގައާއި ހިލޭ މީހުންނަށް ބެހުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
އެ ހުށަހެޅުއްވުންތަކާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި އައްބާސް ވިދާޅުވީ، އެ އިސްލާހު ގެނައުމަށް ނާޒިމް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"ސިގިރޭޓެކޭ މިއެކޭ އަޅާ ބަލާއިރު އެއް މިނެޓަކު، އެއްވަގުތަކު ހުސްވާނީ. އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފް ވާހަކައެއް. އަޅުގަނޑު އެއް އަހަރު ދުވަސް ވަންދެން ބޭނުން ކުރިން."
އައްބާސް ވިދާޅުވީ، އެ ބަދަލަކީ ކޮންމެސް ފައިސާވެރިއަކު ނުވަތަ ސިނގިރޭޓުގެ ވިޔަފާރިކުރާ ފަރާތެއްގެ ނުފޫޒު ވަދެގެން ނާޒިމް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނޫން ރައްޔިތުންނާ ހިސާބަށް މިކަން މިގޮތަށް ގޮސްފައި، ކޮމިޓީއަށް އަންނަ ސިއްރު ކޯލަކުން އެ ބަދަލުވާކަށް ނޭދެން، އެއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތެއް ނޫން،"
ނަމަވެސް ނާޒިމް ހުށަހެޅުއްވި އިސްލާހަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ތާއީދު ކުރައްވައިގެން، އެ އިސްލާހު ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު