ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ބީސީސީން އިއްޔެ ބުނީ އެ މައުލޫމާތު ސެޝަން ފުވައްމުލަކުގައި ކުރިއަށް ގެންދަނީ އެ ސިޓީގެ ހޮސްޕިޓަލާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދާ ސެޝަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ. ސެޝަން ކުރިއަށްގެންދަން ނިންމާފައިވަނީ އެ ދުވަހުގެ 20:15 އިން 22:30 އަށް، ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައެވެ.

ފުވައްމުލަކު ސިޓީ ސެޝަންގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތިީގެ ރައްކާތެރި ކުރުމުގެ ގަވައިދާއި ދިތިރި ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނަގާނެ ގޮތާއި އަދި ކާބޯތަކެތި ގެންގުޅުމުގެ ރައްކާތެރި އާދަތަކުގެ މައްޗަށް ކަމަށް ވެސް ބީސީސީން ބުންޏެވެ.

އައްޑޫ ސިޓީގައި ސެޝަންގައި ކުރިއަށްގެންދާ ސެޝަންއަކީ ބީސީސީން އިސްނަގައިން ކުރިއަށްގެންދާ ސެޝަންއެކެވެ. އެ ސިޓީގައި ސެޝަންގައި ބައިވެރި ވުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހެވެ.

ބީސީސީން މިއަދު "ވަން" އަށް ބުނީ އެ ސެޝަން ކުރިއަށްގެންދަން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ ކޮންފްރެންސް ހޯލުގައި ކަމަށެވެ. ނަމަވެސް ސެޝަން ކުރިއަށްގެންދާނެ ވަގުތު ކަނޑައަޅާނީ ސެޝަންގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު ބެލުމަށްފަހު، އެ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އައްޑޫ ސިޓީގައި ސެޝަންގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތިީގެ ރައްކާތެރި ކުރުމުގެ ގަވައިދާއި އެމްއެންޑީއެފްގެ އިންސްޕެކްޝަނަށް ތައްޔާރުވުމާއި ދިތިރި ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނަގާނެ ގޮތާއި އަދި ކާބޯތަކެތި ގެންގުޅުމުގެ ރައްކާތެރި އާދަތަކުގެ މައްޗަށް ކަމަށް ވެސް ބީސީސީން ބުންޏެވެ.