މި ސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ އަލުން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކޮށްފައި ނުވާތީ، އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ. އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ކޮށްފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގީ މަރުހަލާއިގައި ގޯސްތަކެއް ހިމެނޭކަން ފާހަގަކުރައްވައި އެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. އެކަމާ ގުޅިގެން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭރު ހުންނެވި ޕީޖީ ހުސެއިން ޝަމީމް، އެ މައްސަލަ އަލުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ކޯޓަށް ބަލައިވެސް ގަތެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހިމެނިވަޑައިގަންނަވާ ބެންޗުން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ނިންމެވީ ނިންމެވުމުގައި ވަނީ ޖިހާދު ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވީ އެޑްރެހެއްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޕީޖީ އޮފީހުން ބަޔާންކޮށްފައިވާ އެޑްރެހުން ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދު ކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިހާދު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ކޯޓުން ޕީޖީ އޮފީހަށް ފޮނުވި ކަމަށާއި ޖަވާބުގައި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ޖިހާދު މިހާރު ދިރިއުޅޭ އެޑްރެހަކީ މ. ވެސްޓް ވިއު ތިންވަނަ ފަންގިފިލާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އެ ނިންމުމުގައިވެއެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދުކުރުމަށް ކޯޓުން އެ އެޑްރެހަށް ދިއުމުން އެ ގޭގައި އޭނާ ނޫޅޭ ކަމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ނިންމުމުގައިވެއެވެ.

އެހެންކަމުން ޖިހާދު ހައިކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު 19 ސެޕްޓެމްބަރުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލަށް އޮތް ކަމަށް އަންގައި އެ ގަޒިއްޔާގެ ދައުވާ ފޯމު ޕީޖީ އޮފީހަށް އަނބުރާ ފޮނުވައިލުމަށް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއެވެ.

ހައިކޯޓުގެ ނިންމުގައިވާ މުއްދަތު ހަމަވެފައިވަނިކޮށް އެ މައްސަލަ އަލުން ޕީޖީގެ ފަރާތުން ކޯޓަށް ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ނަމަވެސް، ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނީ އެ މައްސަލަ އަލުން ހުށަހަޅަން ޕީޖީއަށް ދިން މުއްދަތު މި މަހުގެ 13 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. އެކަމަކު، ޕީޖީން އެ މައްސަލަ ކޯޓަށް އަލުން ހުށަހެޅީ ދިން މުއްދަތު ފަހަނައަޅާ ދިޔަތާ ދެ ދުވަސް ފަހުން މި މަހުގެ 15 ވަނަ ދުވަހު ކަމަށް ހައި ކޯޓުގެ ނިންމުމުގައި ބުންޏެވެ.

އެހެންވެ އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ވަނީ ނިންމައިފައެވެ.

ޕީޖީ އޮފީހުން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.

އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއި ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް އާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެ ކަމަށް ޕީޖީން ކުރިން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ.