ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހެޅި ދެ ބިލު، ސަރުކާރުން ހުށަހެޅިގޮތަށް ބަދަލެއް ނުގެނެސް، އެބިލް ދިރާސާ ކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން ފާސްކޮށްފިއެވެ.
އެބިލްތައް މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ފޮނުވީ، މުލި މަޖިލީހުގެ ކޮމިޓީއަށެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލްތައް އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަށް ފޮނުވިއެވެ.
އެބިލްތައް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ. އެ ބިލްތައް ކޮމިޓީން ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ.
ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރަން އިސްލާހު ހުށަހަޅާފައި ވަނީ ޓޫރިޒަމާބެހޭ ގާނޫނަށެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ތިން ޑޮލަރެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކުހުގެ ގޮތުގައި މިހާރު ހަ ޑޮލަރު ދައްކަން ޖެހޭ ފަރާތްތަކުން ދައްކަން ޖެހޭނީ 12 ޑޮލަރެވެ. ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަން ޖެހޭނީ ހަ ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ ބޮޑުވުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މި ޓެކްސް ބޮޑުކުރުމުން އަންނަ 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޑީޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ގާނޫނަށެވެ. އެ އިސްލާހުގައި އަންނަ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން އިކޮނޮމިކް ކްލާހުން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ.
ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު