ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށް އަމިއްލަ މަންފާ ނެގިކަމަށް ތުހުމަތުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ވަގަށް ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، ކަސްޓަމްސް އިން ވަނީ ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓުތައް އެތެރެކުރީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައިވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ހޯކްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުންވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެ މައްސަލައިގައި ކުންފުނީގެ ފަރާތުން އިދާރީގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

"އެގޮތުން ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ..،" ހޯކްސްގެ ބަޔާނުގައި ބުންޏެވެ.

ހޯކްސް އިން ބުނީ އެފަދަ ޣައިރު ގާނޫނީ އަމަލުކުތަކުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ، ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ އެ އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެތެރޭގެ ކޮންޓްރޯލު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހޯކްސް އިން ބުންޏެވެ.

ހޯކްސް ބޯޓްޔާޑަށް ވަދެ، ފުލުހުން ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި ނަމަވެސް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެ، އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ބޯޓުޔާޑަށް ވަނުމުގެ ފުރުސަތުދީ، ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

"ދަ ހޯކްސް އަކީ ފައިދާކުރަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާ އިރު، ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތެވެ. މިއާ ހިލާފަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކަތަކެކެވެ. އެހެންކަމުން ޒިންމާދާރުކަމާއެކު މިފަދަ ހަބަރުތައް ރިޕޯޓުކުރުމަށް މީޑިއާތަކަށް ކުންފުނިން ގޮވާލަމެވެ..،" ހޯކްސްގެ ބަޔާނުގައި ބުންޏެވެ.

ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނުގައި ބުނީ، މިހާތަނަށް ހޯކްސް ބޯޓުޔާޑު ބަލައި ފާސްކުރި ކުރުމުން، އެތަނުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށެވެ.

އެތެރެކުރި ސިނގިރޭޓުގެ ޓެކްސް، މިހާރު އަމަލުކުރާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ފަސް މިލިއަން ރުފިޔާއަށް އަރާނެއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ގާނޫނުގެ އިސްލާހުގައިވާ ރޭޓުން ނަމަ، އެއީ 13.5 މިލިއަން ރުފިޔާގެ ޓެކްސްއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބިލު މިހާރު ކޮމިޓީގެ މަރުހަލާގައި އޮތް އިރު، އެ ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ހުށަހަޅާފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.