ލުއިތައް ދީގެން ކުރިއަށް އޮތް ފަސް އަހަރާއި ދިހަ އަހަރުގެ ތެރޭގައި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ބްރޭންޑެއްގެ ގޮތުގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރުން ތައާރަފުކުރުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެކަން ހާސިލުކުރެވޭނެ ކަމަށެވެ.

"ޖުމުލަކޮށް ރާއްޖެއަށް ކުރިއަށް އޮތް ފަސް އަހަރާއި ދިހަ، ފަނަރަ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ނެތް ސަރަހައްދުތަކަށް އަޅުގަނޑުމެންނަށް ގެންދެވޭނެ، ލުއިތައް ދީގެން. މިސާލަކަށް އެނދުތައް ނެތް ސަރަހައްދުތަކަށް ޓެކްސް ތެރެއިން ބެނެފިޓްސްތަކެއް ދިނުން، އެއީ ވެސް ކުރެވިދާނެ ކަމެއް. އަޅުގަނޑުމެން މިހާރު އޭގެ ބިލު ޑްރާފްޓިން ސްޓޭޖުގައި މިއުޅެނީ، ޓޫރިޒަމް މިނިސްޓްރީން އެކަން އެބަކުރަން، ޓޫރިޒަމް އިންޑަސްޓްރީއާ ވެސް މަޝްވަރާކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެންދިއުމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަނެކްޓިވިޓީގެ މައްސަލަ ކަމަށާއި ޓެކްސްތަކާއި ކުލި ދެއްކުމުގައި ލުއިތަކެއް ދީގެން ނޫން ގޮތަކަށް ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަކީ ދަތި ކަމަކަށްވާނެ ކަމަށެވެ. އަދި އެތަންތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ފަންޑިން ހޯދުމުގައި ދަތިތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

"އެގޮތުން އަޅުގަނޑު މި މަގާމާ ހަވާލުވެގެން މަހެއްހާ ދުވަސްތެރޭ އަޅުގަނޑު ބައްދަލުކުރިން ބީއެމްއެލްގެ ސީއީއޯ އާއި، އެސްޑީއެފްސީ، އެމްއައިބީ އަދި ވޯލްޑް ބޭންކުގެ އައިއެފްސީއާ ވެސް މިކަމުގެ ބައެއް މަޝްވަރާތައް ވާނީ ކުރެވިފައި. އަޅުގަނޑަށް ގަބޫލުކުރެވެނީ މި އަންނަ އަހަރުގެ ތެރޭގައި ހަމަޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ އައްޑޫގެ ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން ޝަންގްރިއްލާގެ މެނޭޖްމަންޓާ އެކު މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި އެ މަސައްކަތް މެދުކެނޑުމެއްނެތި، އިހުލާސްތެރިކަމާ އެކު ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.