ރާއްޖޭގެ 33 ޕަސަންޓް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ކުރިއަށްގެންދިޔަ ވޯލްޑް ބޭންކު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. މުނައްވަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތަށް އޮތް ގޮންޖެހުމަކީ ފައިނޭންސް ލިބުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފަ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ އިރު، އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ،" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޕްރައިވެޓް އިންވެސްޓްމެންޓް މުހިންމު ކަމަށެވެ. އަދި އާ ސްޓްރެޓެޖީތައް އެކުލަވާލުން ވެސް މުހިންމު ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސޯދުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ދަރަނި ތަހައްމަލުކުރަމުންދާ ގައުމުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނުން މުހިންމުކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކުތަކުން އަޅަން ޖެހިފައިވާ ކަމަށެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގުތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގުތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު