ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މި އަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރާ ހަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަދައްވަމުން މީކާއީލް ވިދާޅުވީ، ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކުރާ ހަރަދު ރައްޔިތުންނަށް އެނގުން މަނާ ކުރުމަކީ މި ސަރުކާރުގެ މިއަދުގެ ހާލަތު ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާ މީހުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލި އިރު، އެކަމަކީ ޓްރާންސްޕޭރެންސީ އާއި ދެފުށް ފެންނަ ގޮތެއްގައި ޑިމޮކްރެޓިކް ނިޒާމު ހިންގުމަށް މަޖިލީހުން ހުރަސް އެޅުން ކަމަށްވެސް މީކާއިލް ވިދާޅުވިވެ.

"އެބަ އިވޭ ސަރުކާރުގެ މިނިސްޓްރީތަކުންނާއި ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ 228 މީހުން ވަކިކުރައްވާ ވާހަކަ، ނަމަވެސް ވަކިކުރައްވާ މިނިސްޓްރީއެއް ރައްޔިތުންނަށް ހާމަވަނީކީއެއް ނޫން، ވަކިކުރައްވަނީ ކޮންކޮން ބައެއްކަން ރައްޔިތުންނަށް ސާފުވަނީކީ އެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން އައްޔަންކޮށްފައި ތިބޭ މީހުންނަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭ ބަޔަކަށްވާއިރު އެ މީހުންނަށް ލިބެނީ ކިހާވަރެއްތޯ އާއި އެ މީހުން މަސައްކަތްކުރަނީ ކޮން މިނިސްޓްރީއެއްގައިތޯ އާއި އެ މީހުންގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނެނީ ކޮންކޮށް ކަމެއްތޯ ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ފައިސާ އިން ކުރާ ހަރަދު ކުޑަކުރަން ކަމަށް ބުނެ އިއްޔެވެސް ބައެއް މިނިސްޓްރީތަކަށް މީހުން އައްޔަންކުރި ސިޓީތައް ސޯޝަލް މީޑީއާގައި އާންމުވެފައިވާ ކަމަށް ވިދާޅުވިއެވެ.