މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް އެއް ދުވަސް ތެރޭގައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން، އެކަމާ ގުޅިގެން ކަންތައް ކުރިއަށް ގެންދަން ޖެހޭ ގޮތް މަޖިލިސް ގަވާއިދުގައި ނެތް ކަމަށެވެ. އެހެންކަމުން ބަޖެޓްގެ ކަންތައް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް ކަނޑައެޅުމުގެ ހުށަހެޅުންތަކަށް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ ފުރުސަތުގައި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ މިއަދު 1:30 ގައި ބަޖެޓް ބަހުސް މަޖިލީހުގައި ފެށުމަށެވެ. އަދި އިބުތިދާއީ ބަހުސްގައި ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް ދެއްވުމަށްފަހު، ބަހުސް ނިމުމާ އެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.
އަދި އެއް ދުވަހުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން، ބަޖެޓް ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށްފަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށެވެ.
ފަލާހުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.
ފަލާހުގެ ހުށަހެޅުން ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އެހެންކަމުން 1:30 ފެށިގެން މަޖިލީހުގައި ވަނީ ބަޖެޓް ބަހުސް ފަށައިފައެވެ
ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ވަނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު