ވޭޕް އެތެރެކުރާ ފަރާތްތައް 50،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެތެރެކުރި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
އައިފާން ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ، އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.
އެ މާއްދާއާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ، އެ ފަރާތެއް 50،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށާއި އޭގެ އިތުރުން އެ ފަރާތަކުން ރާއްޖެއަށް އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމަކީ ވެސް މަނާކަމެއް ކަމަށާއި އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ހިލޭ ބެހުމަކީ ވެސް މަނާކަމެއް ކަމަށެވެ. އަދި އެ އެއްޗެހި ރާއްޖޭގައި ބޭނުންކުރުމަކީ ވެސް މަނާކަމެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކައިފި ނަމަ، 20،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށާއި އޭގެ އިތުރުން އެ ފަރާތަކުން ވިއްކި ކޮންމެ އުފެއްދުމަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެ ކަމަށެވެ. އެ އެއްޗެހި ހިލޭ ބަހާ ފަރާތްތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަދި އެ އެއްޗެއް ބޭނުންކުރާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖެއް ކަމުގައިވާ ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
އެ މާއްދާތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު