ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިއަދު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދެވެ.

އެ ބިލު ހުށަހަޅުއްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުގެ ދަށުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި އިމްޕޯޓްގެ ގާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މައާފުކުރެވޭނެ ހާލަތްތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓުތަކާއި އެ އެއްޗެހީގެ ބައިބައިން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށެވެ.

ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިލަކުން ވެސް 50 ޕަސަންޓަށް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިރު، އެއީ މިލިލީޓަރަކަށް އަށް ރުފިޔާއެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެއީ ސްޓިކަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 200 ޕަސަންޓަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސް އެކްސްގައި އެކަން އިއުލާންކުރެއްވުމަށް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއަދު ހުށަހެޅި ބިލުގައިވާ ގޮތަށް ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރައްވަން ވެސް މިމަހުގެ 15 ވަނަ ދުވަހު ރައީސް ވަނީ ނިންމަވައިފައެވެ.